ހދ.ކުޅުދުއްފުށީގައި ހުރި ކުރީގެ އަތޮޅުގެ އިމާރާތުގައި މެރިޓައިމް އެކަޑަމީއެއް ހިންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުން އެ މިނިސްޓްރީން ބާތިލްކުރި މައްސަލަ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ސުޕްރީމްކޯޓަށް ހުށަހަޅައިފިއެވެ.
ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، ހައެއް ޑިސެމްބަރު 2011 ގައެވެ.
އެއްބަސްވުމާ އެއްގޮތަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ކަންތައްކުރަމުން ނުދާކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން އެ އެއްބަސްވުން ބާތިލް ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.
މި މައްސަލައިގައި އެއްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ، ޓްރާންސްޕޯޓް މިނިސްޓްރީއާ ދެކޮޅަށް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިން ދައުވާކުރަނީ، ޓްރާންސްޕޯޓް މިނިސްޓްރީން އެ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށް މި އެއްބަސްވުމުގެ މުއްދަތުގައި ދައުވާކުރާ ފަރާތަށް އެ އިމާރާތުގައި މެރިޓައިމް އެކަމަޑަމީއެއް ހިންގުމުގެ ފުރުސަތު ދިނުމަށް އެދިއެވެ.
އެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދެއްވުމަށާއި، އެއްބަސްވުމަށް އިހުތިރާމްކޮށް، އެކަޑަމީ ހިންގުމުގެ މަސައްކަތަށް ހުރަސް އެޅުމަށް އެއްވެސް އަމަލެއް ނުހިންގުމަށް އެ މިނިސްޓްރީގެ މައްޗަށް އަމުރުކޮށް ދެއްވުމަށްވެސް ދައުވާގައި އެދިފައިވެއެވެ.
މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން މީގެ ކުރިން މި މައްސަލަ ސިވިލްކޯޓަށް ވެސް ހުށަހެޅިއެވެ. މައްސަލަ ބަލައި އެ ކޯޓުން ހުކުމް ކޮށްފައިވަނީ، މި މައްސަލައިގައި ދައުވާ ލިބޭ ދިވެހި ދައުލަތުގެ މައްޗަށް އެފަދަ އެންގުމެއް އަންގާނެ ތަނެއް ނެތް ކަމަށް ކަނޑައަޅާ ކަމަށެވެ.
ސިވިލްކޯޓުން ކުރި ހުކުމް މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ސިވިލްކޯޓުގެ ހުކުމަށް ތާއީދުކޮށް އެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުން ވެސް ހުކުމް ކުރިއެވެ.
ހައިކޯޓުގެ ހުކުމާ ގުޅިގެން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްގެ ވަކީލު ނާޒިމް ހަބީބު ވިދާޅުވީ، އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ކަމާބެހޭ ލިޔެކިޔުންތައް ހުށަހަޅާފައި ވަނިކޮށް، ސިވިލްކޯޓުން އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ހެކިތަކަށް ރަނގަޅަށް ނުބަލައި ހެއްކާބެހޭ ގާނޫނުނުގެ ހަ ވަނަ މާއްދާއަށް ރިއާޔަތް ކުރުމެއްނެތި ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ދައުވާއަށް ޖަވާބު ދެއްވަމުން އޭޖީ އޮފީހުގެ ސްޓޭޓް އެޓާނީ އައިޝަތު އިފާ އަޝްރަފް ވިދާޅުވީ އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި ހެއްކާބެހޭ ގާނޫނާ ހިލާފަަށް ކަމަށް ދައުވާ ހުށަހަޅާ ފަރާތުން ބުނާއިރު ހުކުމް ކޮށްފައިވަނީ އެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބިނާކޮށް ކަމަށެވެ. އަދި އެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ބައެއް ލިޔެކިޔުންތަކަކީ ދަށުކޯޓުތަކަށް ހުށަހަޅާފައިވާ ތަކެތި ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ހުށަހަޅާފައިވާ ލިޔުންތަކަށް ރިއާޔަތް ނުކޮށް މައްސަަލަ ނިންމާފައިވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބަޔާން ކުރަނީ ކޮން ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެންކަން ސާފު ނުވާ ކަމަށާއި، ސަބަބަކީ މަދަނީ މައްސަލަތަކުގައި ނިންމާ ނިންމުންތައް ބިނާވަނީ ހުށަހަޅާ ވާގިއާތަކަށާއި ހުށަހަޅާ ހެކިތަކުގެ މައްޗަށް ކަމަށްވާއިރު ހުށަނާޅާ ނުވަތަ ކޯޓުގައި އެއާމެދު ޑެލިބަރޭޓް ނުކުރެވޭ ހެއްކެއްގެ މައްޗަށް ބިނާކޮށް ލިޔުންތަކަށް ރިއާޔަތް ނުކުރެވޭކަމަށް ބުނެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓް