ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މާދަމާ ހެނދުނު ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާނެ ކަމަށާއި ރަޖިސްޓްރީވާން ޖެހޭނީ އެކަމަށް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފުރަތަަމަ ރަޖިސްޓްރީ ކުރެވޭނީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިންނަށް ކަމަށެވެ.

"ފުރަތަމަ މި ޕޯޓަލްއިން ރަޖިސްޓްރީ ކުރަން ފެށޭށީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރީން. އެނގިވަޑައިގަންނަވާނެ ކުރިންވެސް އަޅުގަނޑުމެން އާންމުކޮށްފައިވާނެ އެންމެ ފުރަތަމަ ވެކްސިން ލިބޭ ގޮތުން ވެކްސިން ޖަހާނެ ކެޓަގަރީތައް. އެހެންވީމަ އޭގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ އަދި ސޯސަލް ކެއާ ވޯކާސްގެ ގޮތުގައި ހިމެނޭ މީހުން ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ގޮތުގައި. އެހެންވީމަ މާދަމާ ރަޖިސްޓްރޭޝަން ހުޅުވާލާނީ މި ދާއިރާތަކުގެ މީހުންނަށް،" ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާދަމާ ހެނދުނުން ފެށިގެން my.health.mv ޕޯޓަލުން ރަޖިސްޓްރީވެވޭނެ ކަމަށެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ރަޖިސްޓްރޭޝަނަށް މާދަމާ ހުޅުވާލާ އިރު، ރާއްޖެ ގެންނަނީ ކޮން ވެކްސިނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި މަހުގެ ތެރޭގައި ރާއްޖެއަށް ކޮވިޑްގެ ވެކްސިން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަހުމަދު ނަސީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީގެ އިތުރުން އަވައްޓެރި އިންޑިއާއިންވެސް ވަނީ އެންމެ ލަސްވެގެން ދެ ހަފްތާ ތެރޭގައި ރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.