ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ތިން ރަށަކުން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. މިލަދޫގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ލ. ގަމުގައި ކަމަށެވެ.

އެގޮތުން ގަމުގައި ހިންގި އޮޕަރޭޝަަނަކީ މާމެންދޫން ގަމަށް ޑިންގީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި 40 އަހަރުގެ ފިރިހެނަކާއި، 26 އަހަރުގެ ފިރިހެނަކާއި، 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ބުނީ ގަމު މަތިމަރަދޫ އަވަށުން މި ހަތަރު މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 31 އަހަރުގެ މީހާ ކޯޓުން ދޫކޮށްލާފައިވާއިރު 20 އަހަރުގެ މީހާއަށް 15 ދުވަސް، 40 އަހަރުގެ މީހާއަށް 10 ދުވަސް، 26 އަހަރުގެ މީހާއަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް 31 އަހަރުގެ މީހާ ދޫކޮށްލި ސަބަބެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުޅުދުއްފުށީ ބަނދަރުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތުވަނީ ދީފަ އެވެ.

މީގެއިތުރުން ފުލުހުން ބުނީ، މިލަދޫން މަސްތުވާތަކެއްޗާއެކު 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާއިރު އެދެމީހުން ހައްޔަރުކޮށްފައިވަނީ ރަށުތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށެވެ.