ކުލަގަދަ ރަސްމިއްޔާތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ މާލޭގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރި ސިންތެޓިކް ޓްރެކް ހުޅުއްވައި ދެއްވައިފައެވެ. ގިނަ އަދަދެއްގެ އެތުލީޓުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހަރަކާތްތައްވެސް ޓްރެކުން ފެނިގެން ދިޔައިރު، ލިމިޓެޑް އޯވަރުގެ ކްރިކެޓް މެޗެއްވެސް އެކުވެނީގައި ކުރިއަށް ދިޔައެވެ. އެތައް ޒަމާނެއްގެ ހުވަފެން ހަގީގަތަކަށް ވެ، އެތުލީޓުންނާއި އިވެންޓްގައި ބައިވެރިވި އެންމެންގެ މޫނު މަތިންވެސް ފެނުނީ ހިނިތުންވުމެވެ. ކަސްރަތު ކުރުމާއި، އާންމު ޖޮގިންއަށް ދާ އެތައް ބައެއްގެ ތަކުލީފުތަކަށް ލުޔެއް ލިބުނީތީއެވެ.

އިންޑިއާ ސަރުކާރުގެ އެހީއާއެކު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިސްނެންގެވުމަށް ވެލި ޓްރެކްގައި ރަތް ދޫލައެއް އަޅާލީ ސިންތެޓިކުންނެވެ. ރޭވުންތެރިކަމާއެކު ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރު މުއްދަތެއްގައި މަސައްކަތް ނިންމާލާފައިވާއިރު، އިވެންޓްގައި ރާއްޖޭގެ ތާރީހީ އެތައް އެތުލީޓުންނެއް ފެނިފައިވެއެވެ. އެ އެތުލީޓުންގެ ޝުއޫރުވެސް ހާމަވެގެން ގޮސްފައިވެއެވެ. ގައުމީ ގިނަ ރެކޯޑުތަކެއް ހަދައި، އެތައް ދުވުމެއް ދުވެ، އެތައް އަނިޔާއެއް ތަހައްމަލު ކުރި ހުސައިން ހަލީމް (ކުޑަ ހުސައިން)ގެ އިހުސާސްތައްވެސް އޭނާ ވަނީ ފޭސްބުކްގައި ބަންޑުން ކޮށްލައިފައެވެ.

"1983 ވަނަ އަހަރުން ފެށިގެން ދެކެމުން އައި ހުވަފެނެއް މާލޭގައި ސިންތެޓިކް ޓްރެކެއް އޮތުމަކީ. ގައިގައި ހުރި ހުރިހާ ކަމެއް ހުސްކޮށް 30 ވަރަކަށް ގައުމީ ރެކޯޑު ވާނީ ހެދިފައި. 1996 ވަނަ އަހަރު ދުވުމުން ރިޓަޔާކޮށް، ހުއްޓާލި ހިސާބުން ސިންތެޓިކް ޓްރެކް ނުލިބުނު ހިސާބުން ވަރަށް ބޮޑަށް އުންމީދު ގެއްލުނު. އެތައް އަނިޔާއަށް ވެ، އެތައް ތަކުލީފެއް އުފުލައިގެން ދުވުނު ޓްރެކް މިއަދު، ރިޓަޔާ ކުރިތާ 20 އަހަރަށްފަހު ސިންތެޓިކް ޓްރެކަކަށް ބަދަލު ވެ، އެ ޓްރެކްގެ ތާޒާ ވަސް ލިބުނީތީ ﷲ އަށް ހަމްދުކުރަން. މިއަދު އުފަލުން ރޮވުނު،" ކުޑަ ހުސައިން ބުނެފައިވެއެވެ.

މިހާރުގެ އެތުލީޓުންނަށް ކުޑަ ހުސައިން ދީފައިވާ މެސެޖަކީ ކުރިން ބުރަކޮށް ކުރި މަސައްކަތް، މިހާރުގެ އެތުލީޓުން ކުރިއަށް ގެންދިޔުމަށެވެ. އެކަން ކުރެވޭނީ ހިތްވަރާ އަޒުމާއި، ޑިސިޕްލިންއާ އެކުގައި ކަމަށްވެސް ކުޑަ ހުސައިން ބުނެފައި ވެއެވެ.

އެތައް އެތުލީޓުންނެއް ވަނީ މީސް މީޑިއާގައި އުފާވެރިކަމުގެ ޝުއޫރު ފާޅުކޮށްފައެވެ. ޗަކަ ބިމަކުން ޒަމާނީ ސިންތެޓިކް ޓްރެކަކަށް މާލޭގެ އެކުވެނި ތަރައްގީވެގެން ދިޔުމަކީ އާ ޖީލެއްގެ ފެށުން ކަމަށް އެތައް ބަޔަކު ދެކެއެވެ. ރާއްޖޭގެ ތާރީހަށް ބަލާއިރު، އެފަދަ ކޮންމެ ވަސީލަތެއް މެދުވެރިކޮށް ކުރިއަރަމުން އަންނަ ތަރިން ފާހަގަވެސް ކޮށްލެވެއެވެ. އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގުވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ.

"އެހެން ގައުމުތަކުގައި މެޑަލް ހޯދަނީ ޓްރެކް އަޅައި ހަދާ ތަމްރީންތަކުން، ރާއްޖޭގައި ޓްރެކް އެޅުނީ މެޑަލް ހޯދުމުން. ދިވެހި އެތުލީޓުންނަށް މަރުހަބާ އަދި ފާއިތުވީތާ ވީ ގުރުބާނީ އަށް ޝުކުރިއްޔާ. ކުރިއަށް އޮތް 10 އަހަރުގެ ތެރޭ ދުނިޔޭގެ ފެންވަރުގެ އެތައް ދިވެހި އެތުލީޓުންނެއް ފެނިގެންދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން. ދެން ޓްރެކް އަޅަން ވީ ތިނަދޫ، ކުޅުދުއްފުށި، އައްޑޫ އަދި ފުވައްމުލަކުގައި. މިއީ މިހާރު ވެސް ނެޝަނަލް ޓީމަށް އެތުލީޓުން ފީޑްކުރާ ހަތަރު ތަން،" މަރުޒޫގު ވިދާޅުވެފައިވެއެވެ.