ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންތަކެއް ޕޮޒިޓިވް ވިނަމަވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެ ސްކޫލުގެ މެނޭޖްމަންޓުން ބުނެފި އެވެ.
ބިލަބޮންގް ސްކޫލުގެ ތައުލީމު ހާސިލް ކުރަމުން އަންނަ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު ކުދިން ވަނީ ކޮވިޑަށް ޕޮޒިޓީވް ވެފަ އެވެ.
ބިލަބޮންގް ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮޒިޓީވް ވި ދަރިވަރުން މިދިޔަ ބުރާސްފަތި ދުވަހު ސްކޫލަށް ހާޒިރު ނުވާ ކަމަށާއި އެ ކުދިންނާ ކޮންޓެކްޓުވި ކުދިންތައް މިހާރު ދެނެގަނެވި އެ ކުދިންގެ ބެލެނިވެރީންނަށް ވެސް އެކަން އަންގާފައިވާ ކަމަށެވެ.
ބިލަބޮންގް ސްކޫލުން ބުނީ، މި ކޭސްގައި ވައިރަސް ފެތުރުފައިވަނީ ސްކޫލްގެ ތެރެއިން ނޫންކަން ޔަގީންވާ ކަމަށާއި ސްކޫލް ތެރޭގައި އެންމެހައި ދަރިވަރުންނާއި މުވައްޒަފުންވެސް ތިބެނީ ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން ކަމަށެވެ. އަދި ކްލާސްތައް ކުރިއަށް ގެންދަނީ އިޖުތިމާއީ ގައިދުރުކަން ކަށަވަރުކޮށްގެން ކަމަށާއި ކޮންމެ މުވައްޒަފެއް އަދި ދަރިވަރެއްވެސް ސްކޫލަށް ވަންނަ ގަޑީގައި ހުން ބަލައި، އަތް ސެނިޓައިޒްކުރާ ކަމަށެވެ. މީގެ އިތުރުން ކޮންމެ ދެ ސެޝަނެއް ދޭތެރޭގައި މޭޒާއި ގޮނޑިތައް ޑިސްއިންފެކްޓް ކުރާ ކަމަށާއި ކޮންމެ ދުވަހަކު އެކި ފަހަރު މަތީން އާންމުކޮށް އަތްލެވޭ ތަންތަންވެސް ޑިސްއިންފެކްޓް ކުރާ ކަމަށް އެ ސްކޫލުން ވަނީ ބުނެފަ އެވެ.
"ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް އަމާޒު ކަމުގައި ވީ ހިނދު، ދަރިވަރުންނާއި މުވައްޒަފުންނަށް ސްކޫލް ތެރޭގައި މިކަމަށްޓަކައި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް. މިގޮތުން، ކްލާހެއް ނުވަތަ އެއަށްވުރެ ގިނައިންވެސް ކަރަންޓީނު ކުރަން ޖެހިއްޖެނަމަ، ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ތައްޔާރަށް." ބިލަބޮންގް ސްކޫލުން ބުންޏެވެ.
މީގެ އިތުރުން އެ ސްކޫލުން ބުނީ މިއީ އެ ސްކޫލަށް ވެސް ނުތަނަވަސްކަން ކުރިމަތިކުރުވި ހަބަރެއް ނަމަވެސް، މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް އެ ސްކޫލުން ތިބީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ތައްޔާރަށް ކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިކަމުގައިވި ނަމަވެސް، މާލޭ ސަރަހައްދުގައި ކޮމިޔުނިޓީ ސްޕްރެޑް އޮތްހާ ދުވަހަކު، ސްކޫލް ތެރެއިން ޕޮޒިޓިވް ކޭސްތައް ފެނި، އަދަދުތައް އިތުރުވުމަކީވެސް އެންމެންވެސް ގަބޫލު ކުރަންޖެހޭ ކަމެއް ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފަ އެވެ.
ކޮންމެ ފަދަ ހާލެއްގައި ނަމަވެސް ތައުލީމު އުނގެނުމުގެ ހައްގުން ދަރިވަރުން މަހްރޫމް ވިޔަ ނުދިމަށްޓަކައި ކުރެވެން އޮތް އެންމެހާ މަސައްކަތެއްގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ސްކޫލުން ވަނީ ދީފަ އެވެ. އަދި މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، މިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީ އާއެކު އަބަދުވެސް މަސައްކަތްތައް ކުރިއަށް ކުރާނެ ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.
މި ކޭސްގައި ހިމެނޭ އަދި ކުރިއަށް އޮތް ތަނުގައިވެސް ދިމާވެދާނެ މިފަދަ ކޭސްތަކުގައި ހިމެނޭނެ ދަރިވަރުންނާއި އެކުދިންގެ އާއިލާ ބަދުނާމުކޮށް، މިފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އެ ސްކޫލުން ވަނީ އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު