ލ. ފޮނަދޫ އާއި ލ. ގަމުގައި އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު މިއަދު އުވާލައި، އާންމު ހާލަތަށް ގެނެސްފި އެވެ.
އެ ދެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ގއ. ދެއްވަދޫން ފޮނަދުއަށް ދިޔަ ހަތަރު މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ މީހުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑުގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެ އެވެ. ނަމަވެސް ދެއްވަދުއަށް ބަލި ފެތުރުނު ގޮތް އަދި ހޯދިފައިނުވާއިރު، އެރަށުގައި ކުރީއްސުރެ ވެސް ބަލި ފެތުރެމުންދިޔަ ކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީން ބުނެ އެވެ.
ދެއްވަދޫ ކްލަސްޓާއިން މިހާތަނަށް 52 މީހަކު ޕޮޒިޓިވް ވެފައިވެ އެވެ. އެއީ ދެއްވަދޫން ޕޮޒިޓިވްވި 43 މީހުންނާއި ފޮނަދޫން ޕޮޒިިޓިވްވި ހަތަރު މީހުންނާއި ދާންދޫން ޕޮޒިޓިވްވި ދެ މީހަކާއި ގއ. ވިލިނގިލިން ޕޮޒިޓިވްވި މީހެއްގެ އިތުރުން ހުޅުމާލޭން ޕޮޒިޓިވްވި ދެ މީހެކެވެ.
ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 255 މީހުން ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭއިރު އޭގެ ތެރޭގައި ހައި ރިސްކް 101 މީހުން ހިމެނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު