ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި އުދަނގޫތަކުން ފުރިފައިވާ މަގެއް ކަމަށާއި ސަވަރުގެ ހޯދުމަށްޓަކައި ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
"ސުވަރުގޭގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އިންސާނާގެ ދުންޔަވީ ހަޔާތުގެ ހުރިހާ ވެސް މަގުސަދަކީ އާހިރަތުގެ ބާއްޖަވެރިކަން ހާސިލުކުރުން ކަމަށެވެ. އަދި ދުނިޔޭގައި ހެޔޮ އަމަލުކޮށް މާތް الله އާއި އެކަލާނގެ ރަސޫލާ އަންގާފައިވާ ގޮތަށް އުޅޭ މީހުންނަށް ހުރި ތަނަކީ ނިއުމަތްތަކުން ފުރިގެންވާ ސުވަރުގެ ކަމަށެވެ.
ހުތުބާގައި ބުނީ, ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި މާތް الله ތައްޔާރު ކުރައްވާފައިވާ ގަނޑުވަރުތަކަކީ އިންސާނަކު ދުވަހަކު ލޮލުން ނުދެކޭހައި ފުރިހަމަ ތަންތަން ކަމަށެވެ. އަދި ސުވަރުގެވަންތަވެރިންގެ ކާބޯތަކެއްޗަކީ ލައްޒަތާއި މީރު ރަހަތަކާއި ހިތްހަމަޖެހުން އެންމެ މަތީ ދަރަޖައަށް ލައްވާފައިވާ ތަކެތި ކަމަށެވެ.
އޭގެ އިތުރުން ސުވަރުގެ ވަންތަވެރިން ތިބޭނީ ފުރިހަމަ ޒުވާންކަންމަތީގައި ކަމަށާއި އެމީހުންނަށް މުސްކުޅިވުމެއް, ބަލިކަށިވުމެއް, ވަރުބަލިކަމެއް, ބަލިވުމެއް, ހިތްހަމަނުޖެހުމެއް ކުރިމައްޗެއް ނުވާނެ ކަމަށާއި ސުވަރުގޭގައި ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާ ބައްދަލުވާނެ ކަމަށާއި ސުވަރުގެވަންތަވެރިން ތަންތަނަށް ޖަމާވެ, އުފަލުގައި ވާހަކަ ދައްކައި އުޅޭނެ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ, ސުވަރުގެ ދިއުމުގެ މަގަކީ ތަކުލީފުތަކާއި އުދަނގޫތަކުން ފުރިފައިވާ މަގެއް ކަމަށާއި މުންކަރާތްތަކާއި ފާހިޝް އަމަލުތަކާއި ޝަހުވާނީ އެދުންތަކުން ވަށާލެވިފައިވާ މަގެއް ކަމަށެވެ. އެހެންކަމުން އެސުވަރުގެ ހޯދުމަށްޓަކައި ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތްކުރަންވާނެ ކަމަށާއި ޝައިތާނާގެ ކެހިވެރިކަމުގައި ޖެހިގެން ނުވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
ސުވަރުގެ ދިއުމުގެ މަގަކީ ތިމާގެ އަމިއްލަ ނަފްސުގެ އެދުންތަކާ ދެކޮޅަށް, ޖިހާދު ކޮށްގެން މެނުވީ ހޯދޭނެ މަގެއް ނޫން ކަމަށާއި މުދަލާއި ފުރާނައިން އެތަކެއް ގުރުބާނީއެއް ވެގެން ނޫނީ ކާމިޔާބު ކުރެވޭނެ މަގެއް ނޫން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ