އުމުރު ދުވަހު ޖަލުގައި ބޭއްވި ނަމަވެސް މި ސަރުކާރަށް ބޯ ނުލަނބާނެ ކަމަށާއި މި ސަރުކާރު ކުރިމަތީ ކުޑަ ކަކޫ ނުޖައްސަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާ ހަވާލާދެއްވައި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން އަދުރޭ ވިދާޅުވީ އިއްޔެ ރައީސް ޔާމީނާ ބައްދަލު ކުރައްވާފައިވާ ކަމަށާއި އެމަނިކުފާނު އެދިވަޑައިގަންނަވަނީ މި ސަރުކާރު ވޯޓުން ބަލި ކުރުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުން މި ސަރުކާރަށް ތާއީދު ނެތްކަން ބައިނަލް އަގުވާމީ ދުނިޔެއަށް ދައްކުވައިދޭން ޖެހޭ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ދައްކުވަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ ރައްޔިތުންނަށް ދަންނަވައިދޭށޭ މި ސަރުކާރު ބަލިކުރަން ޖެހޭނީ ވޯޓުންނޭ. ދިވެހި ރައްޔިތުންގެ ހިތުގައި ހުރި އުދާސްތައް ދައްކުވައިދޭން ޖެހޭނީ ވޯޓު ފޮށިންނޭ. ދިވެހި ރައްޔިތުންނާ ދޭތެރޭ މި ސަރުކާރުން އަނިޔާވެރިވާ އަނިޔާވެރިވުމަށް ޖަވާބުދެއްވަންވާނީ ވޯޓުންނޭ، ދިވެހި ރާއްޖޭގެ ތަރައްގީއަށް މިއައި ހީނަރުކަން ރައްޔިތުންނަށް ތަހަންމަލް ކުރާކަން ދައްކައިދޭން ޖެހޭނީ ވޯޓު ފޮށިންނޭ، އިގްތިސޯދު ފުނޑާލައި ރައްޔިތުން ނިކަމެތި ކުރި ކުރުމަށް ޖަވާބު ދޭންވާނީ ވޯޓު ފޮށިންނޭ،" އަދުރޭ ވިދާޅުވިއެވެ
"ވަރަށް ރަނގަޅު ފުރުސަތެކޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވަމުން މި އަންނަނީ. މި ފުރުސަތުގައި ބައިނަލް އަގުވާމީ ދުނިޔެއަށް އެބަ ހާމަކޮށްދޭން ޖެހޭ މިއަދުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން. އިބްރާހިމް މުހައްމަދު ސޯލިހު އަނިޔާވެރިވެއްޖެކަން ދިވެހި ދައުލަތް ލޫޓުވާލައިފިކަން ރާއްޖޭގެ މިނިވަންކަން ވިއްކާލައިފިކަން ގައުމިއްޔަތު ފުނޑާލައިފިކަން، ހުރިހާ ކަމަކަށް ޖަވާބު ދޭންވާނީ ވޯޓު ފޮށިންކަން،" ރައީސް ޔާމީނާ ހަވާލާދެއްވައި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ އެކިއެކި ބޭފުޅުން ތަފާތު ތުހުމަތުކޮށް، ފުލުހަށް ހާޒިރު ކުރަމުންދާ ކަމަށާއި އެގޮތަށް ދައްކާ ބިރަށް ނުސިހޭނެ ކަމަށެވެ. އަދި އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުންނަކީ މާ އަޒުމް ވަރުގަދަ ބޭފުޅުން ކަމަށާއި ތަރުބިއްޔަތު ވީ ރައީސް ޔާމީންގެ އަރިހުން ކަމަށެވެ.
"މިއަދުވެސް ވިދާޅުވީ ކީކޭތޯ. އުމުރަށް މިތާ ބޭއްވިޔަސް މި ސަރުކާރަކަށް ބޮލެއް ނުލަނބާނަމޭ. މި ސަރުކާރު ކުރިމަތީގައި ކުޑަ ކަކުލެއް ނުޖައްސަވާނަމޭ، މާތްވެގެންވާ އިސްލާމްދީން ފިޔަވައި އެހެން ދީނެއް ގެންނާކަށް އެއްބަހެއް ނުވާނަމޭ. ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނޭ ކަމަކަށް ތާއީދެއް ނުކުރައްވާނަމޭ. ދިވެހިރާއްޖޭގެ ގައުމިއްޔަތު ނައްތާލުމުގެ މަސައްކަތަކަށް އެއްބަހެއް ނުވާނަމޭ. ރައްޔިތުންނަށް ނިކަމެތިކަމެއް ލިބޭ އެއްވެސް ކަމަކަށް ޖާގައެއް ނުދޭނަމޭ. އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހިވަޑައިގެންނެވިއަސް މީ ދޫނުކުރައްވާނެ ކަންކަމޭ،" ރައީސް ޔާމީނާ ހަވާލާދެއްވައި އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އިސްލާމްދީނަށް ނިކަމެތިކަމެއް އަންނަ ކަމެއް ވިޔަ ނުދިނުމަށާއި މިނިވަންކަން މަތީ މި ގައުމު ބޭއްވުމަށް ރައްޔިތުން ޖާނާއި މާލުން ގުރުބާން ވުމަށް ތައްޔާރަށް ތިބުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ދީނާއި ގައުމަށްޓަކައި ވާންޖެހުނު ގުރުބާނީއެއް ވުމަށް ފަސް ނުޖެހުމަށްވެސް ރައީސް ޔާމީން އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީން ފަދަ ލީޑަރެއްގެ އަރިހުން މިއަދު އެތައް ފިލާވަޅުތަކެއް ލިބެމުންދާ ކަމަށާއި އެލީޑަރާއެކު ސާބިތުވެ ދެމިހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް މި ސަރުކާރުން ކުރަމުންދާ އަނިޔާތަކަކީ ބަލައިގަނެވޭނެ އަނިޔާތަކެއް ނޫން ކަމަށާއި މި ސަރުކާރުން ހިންގާ ހުރިހާ އަނިޔާވެރިކަމެއްވެސް ބެލޭނެ ކަމަށެވެ. ދެން މި ގައުމުގެ ވެރިކަމަށް އަންނާނީ ޕީޕީއެމުން ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި އެހުރިހާ ކަމެއް ބެލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު