ގއ. ދެއްވަދޫގައި ބަލި ފެތުރި، އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 52 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްވަދޫ ކަލަސްޓާގެ ތަފްސީލު ދެއްވަމުން ކޮންޓެކްޓް ޓްރޭސިންގެ ފަރާތުން އާމިނަތު އަރޫޝާ ވިދާޅުވީ، އެ ކްލަސްޓާއިން މިހާތަނަށް 52 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއީ ދެއްވަދޫން ޕޮޒިޓިވްވި 43 މީހުންނާއި ފޮނަދޫއިން ޕޮޒިިޓިވްވި ހަތަރު މީހުންނާއި ގއ. ދާންދޫން ޕޮޒިޓިވްވި ދެ މީހަކާއި ގއ. ވިލިނގިލިން ޕޮޒިޓިވްވި މީހެއްގެ އިތުރުން ހުޅުމާލެއިން ޕޮޒިޓިވްވި ދެމީހެކެވެ.

އަރޫޝާ ވިދާޅުވީ، ދެއްވަދޫ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 255 މީހުން ކޮންޓެކްޓުންގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

"255 ފަރާތެއް މިވަނީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައި. މީގެ ތެރޭގައި ހައި ރިސްކް 101 މީހުން ހިމެނޭ،" އަރޫޝާ ވިދާޅުވިއެވެ.

މީގެ އިތުރުން އަރޫޝާ ވިދާޅުވީ، ގއ. ދާންދޫން ޕޮޒިޓިވްވި ދެމީހުން، "ކޮއިމަލާ 4" ނަމަކަށް ކިޔާ ފެރީއެއްގައި ދަތުރުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ ފެރީން މިމަހުގެ ނުވަވަނަ ދުވަހު ދަތުރުކުރި އެންމެން 23 ޖެނުއަރީ ވަންދެން ކަރަންޓީންވާން އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ ބަޔަކު ކަރަންޓީންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ދެއްވަދުއަށް ބަލި ފެތުރުގޮތް ހޯދުމަށް އެޗްޕީއޭއިން ތަހުގީގެއް ފަށާފައިވާ އިރު، މިހާތަނަށް އެރަށަށް ބަލި ފެތުރުނު ގޮތެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ގއ. ދެއްވަދޫގައި ކުރީއްސުރެ ވެސް ދިޔައީ ބަލި ފެތުރެމުން ކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.