ބަޑި އާއި ހަތިޔާރު އުފައްދަން ބޭނުންކުރާ ތަކެތި ގެންގުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ކުރި ދައުވާ އަލުން ބަލަން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ ސެޕްޓެމްބަރު 28، 2013 ވަނަ ދުވަހު މ. އިރުދޯދި ގޭގެ ދެވަނަ ފަންގިފިލާ އިން ގިނަ އަދަދެއްގެ ބަޑިއާއި ގޮވާތަކެއްޗާއި އެފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރެވޭ ތަކެތި ފެނުނު މައްސަލައެއްގައި ލ. ގަން، ހިމާޔަތް މޫސާ ޔޫސުފާއި ދަފްތަރު ނަމްބަރު 7102 ހަސަން ނަސީމުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރި މައްސަލައެކެވެ.

ނަމަވެސް އެ ދައުވާގެ ތަހުގީގު މަރުހަލާގައި ހެކި ހޯދާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުންގެ މައްޗަށް އަދަބު ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގާނޫނާ ހިލާފަށް ހެކި ހޯދި ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ބަޑި އާއި ގޮވާތަކެތި އުފަައްދަން ބޭނުންކުރާ ތަކެތި ފެނުނު ގެ ފާސް ކުރުމުގައި އެ ގޭގެ ވެރިފަރާތް ނެތީސް، އެތަން ފުލުހުން ފާސް ކޮށްފައިވާތީ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯތު އަމުރާ ހިލާފަށް ހޯދާފައިވާ ހެކި ޝަރީއަތަށް ގަބޫލެއް ނުކުރެވޭނެ ކަމަށް ކަމަށެވެ.

ނަމަވެސް ބަޑި އާއި ހަތިޔާރު އުފައްދަން ބޭނުންކުރި ތަކެތި ފެނުނު ގެއަކީ ދައުވާ ލިބޭ ނަސީމު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށާއި ނަސީމު ނޫޅޭ ވަގުތުތަކުގައި ދައުވާ ލިބޭ މޫސަ ވެސް އެ ގެ އަށް ވަދެ، އެގޭގައި އެއްޗެހި ބަހައްޓައި އެގެއިން ފެންވަރާ، އެ ގެ ބޭނުންކުރާ ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން މޫސަގެ އަންނައުނާއި ދަބަހެއް އެގެއިން ފެނިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ފުލުހުންގެ ކޯޓު އަމުރުގައި އިޝާރާތްކޮށްފައިވާ ފަރާތަކީ އެ އަމުރުގެ ދަށުން ބަލައި ފާސްކުރުމަށް ހުއްދަ ދީފައިވާ ތަނަށް އަމިއްލައަށް ވަދެ، އެތަނުގެ މައްޗަށް ބާރު އޮތް ފަރާތް ކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން އެ އަމުރު ތަންފީޒުކުރި ވަގުތު އެފަރާތަކީ މޫސަ ކަމަށްވާތީ އެ ސަބަބުގެ މައްޗަށް ބިނާކޮށް، އެ އަމުރުގެ ދަށުން އެ ގެ ބަލައި ފާސްކޮށްގެން ފުލުހުން ހޯދާފައިވާ ހެކިތަކަކީ ގާނޫނުއަސާސީއާ އެއްގޮތަށް ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް ހެކިތައް ވަޒަންކޮށް، މައުޟޫއީ ގޮތުން ކްރިމިނަލް ކޯޓުން މައްސަލަ ނިންމާފައި ނެތުމުން އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު މުހަައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.