ރިޕޯޓް

އަންހެނުންނަށް ވާނެ! ހުޅުމާލޭ ރަށު މާރުކޭޓުގެ ރަނިކަން އަންހެނުންނަށް! (ވީޑިއޯ)

އަހުމަދު ސާއިލް އަލީ

3

ހުޅުމާލޭ ރަށު މާރުކޭޓުން ފެންނަނީ އުފާވެރި މަންޒަރެކެވެ. މިތަނުގައި 20 ގޮޅި މިހާރުވެސް ހިންގަމުން އަންނައިރު އޭގެ ތެރެއިން ގިނަ ގޮޅިތައް ހިނަގުމުގައި އިސްވެ ތިބީ އަންހެނުންނެވެ. އޭގެ ތެރޭގައި އަމިއްލައަށް ގޮޅި ހިންގާ އަންހެނުންނާއި ވަޒީފާގައި ސޭޓުންގެ ގޮތުގައި ތިބޭ އަންހެނުން ވެސް ހިމެނެ އެވެ.

މީގެ ކުރިން މާރުކޭޓު ތަކަކީ ބިދޭސީން ހިންގި ތަންތަނެވެ. ހުޅުމާލޭ މާރުކޭޓުގައި އަންހެނުން ގިނަވާން ފެށީ އެތަނުން ގޮޅިތައް މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ދޫކުރިއިރު ބިދޭސީން ތިބުން މަނާ ކުރި ހިސާބުންނެވެ. މިތަނުގެ ގިނަ ގޮޅިތައް މިހާރު ހިންގަނީ އާއިލާތަކުންނެވެ. އާއިލާގެ މެންބަރުންނަށް ބަހާލައިގެން ޑިއުޓީ ކުރާގޮތަށެވެ. އެހެންވެ އޭގެ ތެރޭގައި އަންހެނުން ގިނަ އެވެ.

ފާތިމަތު މުފްލިހާއަކީ މީގެ ދޮޅު އަހަރު ކުރިން މި ގޮޅިތައް ދޫކުރީއްސުރެ މިތަނުގެ ގޮޅިއެއް ހިންގަމުން އަންނަ މީހެކެވެ. އެޗްޑީސީގައި ވަޒީފާގައި އުޅެމުން ދެން ލިބޭ ވަގުތުތައް އޭނާ ހޭދަ ކުރަނީ އަމިއްލަ ވިޔަފާރި ކުރުމަށް މި ގޮޅީގަ އެވެ. މުދާ ގަތުމާއި ވިއްކުމުގައި ގިނައިން އުޅެނީ ވެސް އެކަންޏެވެ.

"ވިޔަފާރި ކުރުމަށް ޝައުގުވެރިކަން ހުންނާތީ ގޮޅިއަށް ހުޅުވާލީމާ ކުރިމަތި ލައިގެން ދަރިފުޅަށް ގޮޅިއެއް ލިބުނީމާ ދަރިފުޅު ގާތު ބުނީ މަންމަ އަމިއްލައަށޭ މިކަން ކުރާނީ. އޭރުއްސުރެއް މި އަންނަނީ އެކަނި މިކަން ކުރަމުން،" މުފްލިހާ ވިޔަފާރި ފެށިގޮތް ކިޔައިދެމުން ބުންޏެވެ.

މީގެ ކުރިން އާއްމުކޮށް ފިރިހެނުން ކުރަމުން އައި މި މަސައްކަތް އަންހެނުން ފަށާފައި މިވަނީ ވަރަށް ކެރިގެންނެވެ. ހަމައެކަނި ގޮޅީގައި ސޭޓުކަން ކުރުމުގެ ބަދަލުގައި މާލޭގެ ދަތުރުވެރިންގެ މާރުކޭޓާއި އަތޮޅުތެރޭން އަންނަ ބޯޓު ފަހަރަށް އަރައި މުދާ ގަތުމުގައި ވެސް އިސްކޮށް އަންހެނުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ މީހުން ބުނާ ގޮތުގައި މިއީ އަންހެނުން ކުރަން ހަމަ އެންމެ ރަނގަޅު އެއް ވިޔަފާރި އެވެ.

"އެއްވެސް ކަހަލަ އުނދަގުލެއް މިޔަކު ނެތް. ހަމަ އަމިއްލައަށް މިއުޅެނީ. އެއްވެސް މީހެއްގެ އެހީތެރިކަމެއް ނުހޯދަން. ޑިއުޓީގައި އުޅެމުން ޑިއުޓީ ނިންމާފައި ލިބޭ ގަޑީގައި ބާޒާރުކޮށްގެން، ބާޒާރުން ނިންމާލާފައި އައިސް މިތަނުގައި އިނދެފައި އެގޮތަށް މިގެންދަނީ ހަމަ،" މުފްލިހާ ބުންޏެވެ.

އެފަދަ އެތައް ހީވަގި އަންހެނުންނެއް މިތަނުގައި އެބަ މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން ވެސް އުޒްލިފަތު އަބްދުއްސައްތާރު، 43، އަކީ ނަމޫނާ އަންހެނެކެވެ. އުމުރުން ހަތަރު އަހަރާއި 19 އަހަރާ ދެމެދުގެ ތިން ކުދިން ބަލަމުން އަންނަ އުޒްލިފަތު މި ވަޒީފާ ހިޔާރު ކުރީ ދިރިއުޅުމަށް ބޭނުންވާ ހަރަދުތައް ހޯދުމަށެވެ. ހެނދުނުން ފެށިގެން ރޭގަނޑު 10 ޖަހަންދެން ގޮޅީގައި ބުރަކޮށް މަސައްކަތް ކުރާއިރު މުސާރައިގެ ގޮތުގައި 7،000 ރުފިޔާ އޭނާއަށް ލިބެ އެވެ. މަންމަގެ އެހީތެރިކަމާއެކު ދަރިންގެ ކަންކަން ބެލި ނަމަވެސް ގޭތެރޭގެ ކަންކަން ކުރަމުން މިފަދަ މަސައްކަތެއް ކުރުމަކީ ވަރަށް ބުރަކަމެކެވެ.

"މިއަދުވެސް ގެއަށް ގޮސް މެންދުރަށް ކައްކާލާފައި މިއައީ، ވަޒީފާވީމަ މެންދުރު ގަޑީގައި ބްރޭކަށް ލިބޭ ގަޑީގައި ގޮސް މިއައީ،" ކުރިން ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އުޒްލިފަތު ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ވަޒީފާއަށް ނައިހެއް ނޫޅެވޭނެތާ. މަޖުބޫރުވެގެން އަންނަނީ. ކުލި ދައްކަން ޖެހޭ. ކާން ޖެހޭ. ކުދިންނަށް ލާރި ހޯދަން ޖެހޭނެއެއްނު. އެހެން ނޫނީ ކުދިން ދޫކޮށްފައި އައިސް މިތާ ނުތިބޭނެ ދޯ އަސްލު،"

ހުޅުމާލޭ މާރުކޭޓުން މި ފެންނަ އުފާވެރި މަންޒަރުން ޔަގީން ކޮށްދެނީ އަންހެނުންނަށް ކަންކަން ކުރެވޭނެ ކަމެވެ. ވާދަވެރި މާހައުލެއްގައި އެތައް ގޮންޖެހުންތަކަކާއެކު އަންހެނުންތަކެއް މި ވިޔަފާރީގައި ބާރަށް އެބަ ކުރިއަށް ދެ އެވެ. އެ މީހުން ދައްކަމުން އަންނަ ނަމޫނާއަކީ ކެރިގެން ކުރިމަތި ލައިފިނަމަ އަންހެނުންނަށް ވެސް މިކަންކަން ވެސް ކުރެވޭނެ ކަމެވެ.