ޚަބަރު

އަމީނިއްޔާ ސްކޫލުގެ ގްރޭޑް 3ގެ ޓީޗަރަކު ޕޮޒިޓިވްވެ، ކޮންޓެކްޓުވި ހުރިހާ ޓީޗަރުން ކަރަންޓީނަށް

އަލީ އަފާފު ރަމީޒު

1

އަމީނިއްޔާ ސްކޫލްގެ ގްރޭޑް 3 އަށް ކިޔަވައިދޭ ޓީޗަރަކު ޕޮޒިޓިވްވެ، އޭނާއާ ބައްދަލުވި ހުރިހާ ޓީޗަރުން ކަރަންޓީންކޮށްފިއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ އަމީނިއްޔާ ސްކޫލުގެ ގްރޭޑް ތިނަކަށް ކިޔަވައިދޭ ބިދޭސީ ޓީޗަރެކެވެ. އެ ޓީޗަރާ ޑައިރެކްޓް ކޮންޓެކްޓުވީ ހުރިހާ ޓީޗަރުން މިިހާރު ވަނީ 14 ދުވަހަށް ކަރަންޓީންކޮށްފައެވެ. ނަމަވެސް ކަރަންޓީން ކޮށްފައިވަނީ ކިތައް ޓީޗަރުން ކަމެއް ސާފެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި ޓީޗަރާ އެއްވެސް ދަރިވަރަކު ބައްދަލުވެފައެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓްވި ޓީޗަރުންނާ ދަރިވަރުން ބައްދަލުވެފައިވާކަން ސާފެއް ނުވެއެވެ.

ދިހަ މަހަށްފަހު މާލޭ ސަރަހައްދުގެ ސްކޫލުތައް ހުޅުވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ސްކޫލުތަކަށް ކިޔަވަން ދާ ދަރިވަރުންގެ ރައްކާތެރިކަމާއި ސަލާމަތަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން އަތް ދޮވުމާއި މާސްކް އެޅުމާއި ހުން ބެލުމުގެ އިތުރުން ގައި ދުރުކަން ބެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން ދަރިވަރުންނާއި ޓީޗަރުން ކޮންޓެކްޓް ނުވާނޭ ގޮތަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސާފައިވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.