ފީޗާރޑް

ދެއްވަދޫ އަށް މުޅި ހުވަދޫގެ އެހީ

ރިފާ ހަލީލު

ހަލުވި ކަމާއެކު މިހާރު ކޮވިޑު ފެތުރެމުންދާ ގއ. ދެއްވަދޫން ފެނާއި ކަނޑުމަސް ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެރަށު ކައުންސިލުން ހާމަކުރުމުން، އެއަތޮޅުގެ އެހެނިހެން ރަށްތަކުން އަތުކުރި އޮޅާލީ ދެއްވަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. ހަމައެކަނި ގއ. އިންނެއް ނޫނެވެ. ގދ. އަތޮޅުގެ ރަށްތަކުންވެސް ފެންނަނީ ދެއްވަދޫ އަށް އެހީތެރިވުމަށް އަވަސްވެގަތް މަންޒަރެވެ.

ދެއްވަދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތައުފީގު އިއްޔެ "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި އެރަށުން ކަނޑުމަހާއި ބޯފެން ހުސްވެދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި ކަމާބެހޭ މުއަައްސަސާތަކުގެ އެހީތެރިކަމަށް އެދުމުން އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެ މުއައްސަސާތަކުން ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ހަބަރު ނޫސްތަކުގައި ޝާއިއު ކުރުމާއެކު ދެން ފެނިގެން ދިޔައީ އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ. މުޅި ހުވަދު އަތޮޅުގެ އެކި ރަށްތަކުގެ ކައުންސިލުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މަޖިލީސް މެމްބަރުން، ދެއްވަދޫ އަށް އެހީތެރިކަން ފޯރުކޮށްދޭން އަވަސްވެގަތް މަންޒަރު ވެގެންދިޔައީ އުފާވެރި މަންޒަރަކަށެވެ. ފެނާއި އެހެނިހެން ޒަރޫރީތަކެތި ދޭން ބޭނުންވާ ފަރާތްތަކުން ކައުންސިލަށް ނުވަތަ ޖަމިއްޔާތަކަށް އެކަން އެންގުމަށް އާންމުކޮށް އަންގާ އިއުލާންކުރި އެވެ. މަދު ވަގުތު ކޮޅެއްގެ ތެރޭގައި ރައްޔިތުންވެސް އެބަޔަކަށް ވެވުނު އެހީތެރިކަމެއް ވި އެވެ.

އިބްރާހިމް ތައުފީގު މިއަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަދު ވަގުތުކޮޅެއްގެ ތެރޭގައި އަތޮޅުގެ އެހެނިހެން ރަށްތަކުންނާއި މުއައްސަސާތަކުން ވެދެއްވި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އެގޮތުން ގދ. ތިނަދޫ އަމިއްލަ ޖަމިއްޔާއަކުން ހަދިޔާ ކުރި 300 ކޭސް ފެނާއި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ހަދިޔާ ކުރެއްވި 100 ކޭސް ފެން މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ގައުމީ ފެން ކުންފުނިން އެރަށަށް ހަދިޔާ ކުރާ 300 ކޭސް ފެން ރަށަށް ފޮނުވުމަށް ލޯޑު ކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ ވިލިނގިލިން ދެއްވަދޫ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި އެހެނިހެން ޒަރޫރީ ތަކެތި ހިފައިގެން އެރަށުން މިހާރު ދޯންޏެއް ފުރާފައިވާ ކަމަށެވެ. އަދި ގެމަނަފުށި މަސްވެރިންގެ ފަރާތުން 600 ކިލޯ ކަނޑުމަސް އެރަށަށް ހަދިޔާ ކުރުމަށް ނިންމައި އެ މަސް ހިފައިގެން އެ ދޯނިވެސް މިއަދު 12:45 ހާއިރު ދެއްވަދު އަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިފްކޯ އިން 50 ކޭސް ދަޅުމަސް ހަދިޔާ ކޮށްފައިވާ ކަމަށްވެސް ތައުފީގު ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ޝުކުރުވެރިވަން އަތޮޅުގެ ހުރިހާ ރައްޔިތުންނަށް. މުޅި ހުވަދު އަތޮޅު މިދެއްކި ނަމޫނާ އާއި ވެދިން އެހީތެރިކަން މިއީ ތާރީހުގައި ލިޔެވޭނެ ކަމެއް. އެހާ މަދުވަގުތުކޮޅެއްގެ ތެރޭގައި ރަށް ލިބުނު އެހީތެރިކަން ރައްޔިތުން ބަލައިގަންނަނީ ވަރަށް އުފަލުން." އޭނާ ވިދާޅުވި އެވެ.

ތައުފީގު ވިދާޅުވީ މިހާތަނަށް ރަށަށް ލިބިފައިވާ ފެނާއި މަސްދަޅު ހުރިހާ ގެތަކަށް ބަހާލާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކު އިސްތިސްނާ ނުކޮށް ރަށުގައި ތިބި ބިދޭސީންނަށްވެސް މިތަކެތި ހަދިޔާކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ގެއަކަށް ދެ ކޭސް ފެނާއި 15 ދަޅު މަސް ހަދިޔާ ކޮށްފައިވާނެ ކަމަށާއި އިތުރު އެހީތައް ލިބޭ ވަރަކުން ހުރިހާ ގެއަކަށް ހަމަހަމަ ކަމާއެކު ބަހަމުން ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 1300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ދެއްވަދޫ އަށް ކޮވިޑް ބަލި ފެތުރު ގޮތެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ. މިހާތަނަށް އެރަށުން ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާއިރު ބަލި ޖެހިފައިވާ 33 މީހަކު މިހާރުވެސް އެރަށުގައި އެބައުޅެ އެވެ. އަދި މި ކޭސްތަކާއި ގުޅިގެން އެ ރަށުގެ 56 ގެއެއް ވަނީ ކަރަންޓީނު ކޮށްފަ އެވެ.

ރަށަށް އަރައި ފޭބުން މަނާކޮށްފައިވާއިރު ޒަރޫރީ ބޭނުމެއް ނެތި ގެއިން ބޭރަށް ނުނިކުތުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހުވަދޫ ރައްޔިތުން މުޅި ރާއްޖެއަށް މި ދެއްކީ އެކުވެރިކަމުގެ ނަމޫނާއެކެވެ. އިންސާނިއްޔަތުގެ ލޯތްބާއި ކުލުނެވެ. ގޮވާލި ކޮންމެ ދިމާއަކުންވެސް، އެންމެ ފުރިހަމަ ކަމާއެކު އިޖާބަ ދޭނެ ކަން ދައްކުވަމުން، މުޅި ގައުމަށް ދައްކުވައިދިނީ ހުވަދޫގެ އެކުވެރިކަމެވެ. ދެއްވަދޫ ރައްޔިތުންގެ ލޯ ފުރިފައިވަނީ ޝުކުރުގެ ކަރުންނެވެ.