ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް ދައުވާ ނުކުރާން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި އަނެއް ދެ މީހުންނަށް ދައުވާ ނުކުރާން ނިންމީ ދައުވާކުރަން ބޭނުންވާ ވަރަށް ހެކި ނެތިގެން ކަމަށެވެ. އަދި އެ މައްސަލަ އަނބުރާ ފޮނުވާލީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަން އެ އޮފީހުން ހާމަކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އޭރު ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންގެ މައްސަލަ ފުލުހުން ފޮނުވުމުން، އެކަމުގައި ހުރި ހެއްކާއި ގަރީނާއަށް ބަލައި އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރަނީ ކޮން ތިން މީހެއްގެ މައްޗަށް ކަމެއް ފުލުހުން ވެސް އަދި ޕީޖީން ވެސް އޭރަކު ނުބުނެ އެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިމަހު ހަ ވަނަ ދުވަހު ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށް، އެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އޭނާގެ މައްޗަށް ޕީޖީ އޮފީހުން ކުރަނީ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު