ގަވާއިދާ ހިލާފަށް ށ. ފުނަދުއަށް އަރާފައިނުވާނެ ކަމަށާއި އަދި އެހެން ރަށަކަށްވެސް ގަވާއިދާ ހިލާފަށް އަރާފައިނުވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު "ވަން" އަށް ވިދާޅުވީ ފުނަދުއަށް ދިޔައީ ޔޮޓަށް ތެޔޮ އެޅުމަށް ކަމަށާއި އެވަގުތުގައި އެރަށަށް ފައިބާފައިވާނެ ކަމަށެވެ. ނަމަވެސް ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާ އެންމެ ފަހުން މާލެ ދިޔަ ދުވަސްވެސް ހަނދާން ނެތް ކަމަށާއި މާލެ ނުދާތާ 14 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އޭނާ ކަނޑުމަތީގައި އުޅޭތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި ޕީސީއާރް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ރަށަކަށް އެރުމުގެ ކުރިން ހުއްދަ ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ގަވާއިދާ ހިލާފު އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. އަޅުގަނޑު ކަނޑުމަތީގައި އުޅޭތާ އެތައް ދުވަހެއް ވެއްޖެ. އެހެންކަމުން ކޮން ހުއްދައެއްތޯ ނަގަން ޖެހޭނީ. ގަވާއިދާ ހިލާފުވިނަމަ ކީއްވެތޯ އަޅުގަނޑާ ސުވާލު ނުކުރީ؟ ގައިމު ރަށެއް ވިއްޔާ ކައުންސިލެއްވެސް އޮންނާނެ؟ ޕޮލިހުންވެސް ތިބޭނެ. މިއިން އެއްވެސް ފަރާތަކުން އަޅުގަނޑާ ސުވާލެއް ނުކުރޭ. ފުނަދުއަށް އަޅުގަނޑުމެން ފޭބީ ތެޔޮ އަޅަން،" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އޭނާ އެރަށަށް ފޭބުމުން ބައެއް ފަރާތްތަކުން އެކުގައި ފޮޓޯ ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އޭނާ ފުނަދުއަށް ވަޑައިގަތީ ހދ. ކުޅުދުއްފުށީގައި މަޑުކުރުމަށްފަހު ކަމަށާއި އޭގެ ކުރިން ބ. އޭދަފުއްޓަށްވެސް ވަޑައިގެންނެވި ކަމަށެވެ. މިހާރު ހުންނެވީ ހއ. އުތީމުގައި ކަމަށެވެ. އަދި ގިނަ ވަގުތު ހޭދަކުރަނީ ޔޮޓްގައި ކަނޑުމަތީގައި ކަމަށާއި އެހެންކަމުން ރަށަކަށް އެރުމަށްޓަކައި ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ގަވާއިދާ ހިލާފަށް ފުނަދުއަށް އެރި މައްސަލައެއް ށ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅައިފައެވެ.

ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ޒުމްރަތު "ވަން" އަށް ވިދާޅުވީ ހުއްދަ ނުނަގައި، ޖާބިރު ފުނަދުއަށް އަރައި އުޅުނުކަމުގެ ޝަކުވާ އެ ހޮސްޕިޓަލަށް މިއަދު ލިބިފައިވާ ކަމަށެވެ. އަދި ރަށު ތެރޭގައި މާސްކް ނާޅައި، އެކި ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން ޖާބިރު ހުއްދަ ނަގާފައިވޭތޯ ރަށު ކައުންސިލަށް ގުޅައި ސާފުކުރުމުން، ހުއްދަ ނަގާފައިނުވާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ޒުމްރަތު ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު "ވަން" އަށް ވިދާޅުވީ ޖާބިރު އެރަށަށް ކައިރިކުރީ ޔޮޓްގެ އިންޖީނުގެ މައްސަލައެއް ޖެހިގެން ކަމަށާއި ރަށު ތެރެއަށް ނުފޭބުމަށް އެދުމުން، އެކަމުގެ ޔަގީންކަން ދިން ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެ ފަހުން ރަށު ތެރޭގައި މާސްކް ނާޅައި ބައެއް ފަރާތްތަކާއެކު ޖާބިރު ފޮޓޯ ނަގާފައިވާކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ. އަދި ޓެކްސީއެއްގެ ކުރީ ސީޓުގައި އިންނެވިކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ. އަދި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް އާންމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ޖާބިރު އެރަށަށް ވަޑައިގެންނެވީ އެޗްޕީއޭ އިން ނަގަންޖެހޭ ހުއްދަ ނުނަގައި ކަމަށާއި އެފަދަ ހުއްދައެއް ނަގާފައިވާކަމުގެ ލިޔުން ލިބިފައިނުވާ ކަމަށެވެ. ޖާބިރު އެރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މެންދުރުފަހު އެރަށުން ފުރާފައިވާ ކަމަށެވެ.