ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގަވާއިދާ ހިލާފަށް ށ. ފުނަދުއަށް އެރި މައްސަލައެއް ށ. އަތޮޅު ހޮސްޕިޓަލްގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު އަހްމަދު ޒުމްރަތު "ވަން" އަށް ވިދާޅުވީ ހުއްދަ ނުނަގައި، ޖާބިރު ފުނަދުއަށް އަރައި އުޅުނުކަމުގެ ޝަކުވާ އެ ހޮސްޕިޓަލަށް މިއަދު ލިބިފައިވާ ކަމަށެވެ. އަދި ރަށު ތެރޭގައި މާސްކް ނާޅައި، އެކި ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ.

އެގޮތުން ޖާބިރު ހުއްދަ ނަގާފައިވޭތޯ ރަށު ކައުންސިލަށް ގުޅައި ސާފުކުރުމުން، ހުއްދަ ނަގާފައިނުވާ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށް ޒުމްރަތު ވިދާޅުވިއެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމްފުޅު "ވަން" އަށް ވިދާޅުވީ ޖާބިރު އެރަށަށް ކައިރިކުރީ ޔޮޓްގެ އިންޖީނުގެ މައްސަލައެއް ޖެހިގެން ކަމަށާއި ރަށު ތެރެއަށް ނުފޭބުމަށް އެދުމުން، އެކަމުގެ ޔަގީންކަން ދިން ކަމަށެވެ.

އޭނާ ވިދާޅުވީ އޭގެ ފަހުން ރަށު ތެރޭގައި މާސްކް ނާޅައި ބައެއް ފަރާތްތަކާއެކު ޖާބިރު ފޮޓޯ ނަގާފައިވާކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ. އަދި ޓެކްސީއެއްގެ ކުރީ ސީޓުގައި އިންނެވިކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށެވެ. އަދި ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް އާންމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހްމަދު އިބްރާހީމްފުޅު ވިދާޅުވީ ޖާބިރު އެރަށަށް ވަޑައިގެންނެވީ އެޗްޕީއޭ އިން ނަގަންޖެހޭ ހުއްދަ ނުނަގައި ކަމަށާއި އެފަދަ ހުއްދައެއް ނަގާފައިވާކަމުގެ ލިޔުން ލިބިފައިނުވާ ކަމަށެވެ. ޖާބިރު އެރަށަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މެންދުރުފަހު އެރަށުން ފުރާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ހާއްސަ ހުއްދަ ނަގައިގެން އެރަށަށް އަންނަ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ނުކުރާ ކަަމަށާއި އެގޮތުން ރަށު ތެރޭގައި ނުކުމެ އުޅުމާއި މާސްކް ނާޅައި ގިނަ ފަރާތްތަކަކާ ބައްދަލުކުރަމުންދާ ކަމަށެވެ. ބައެއް ފަރާތްތަކުން ޕިކްނިކް ދައުމާއި ރިސޯޓްތަކަށް ގޮސްވެސް ހަދާ ކަމަށެވެ. އެހެންވެ އެ ޝަކުވާތައް ކަމާ ބެހޭ އިދާރާތަކަށްވެސް ހުށަހަޅާފައިވާނެ ކަމަށް އަހްމަދު އިބްރާހީމްފުޅު ވިދާޅުވިއެވެ.