ބިޔާދޫ އައިލެންޑް ރިސޯޓުން އިތުރު 21 މީހަކު ޕޮޒިޓިވްވެ، ޖުމުލަ އަދަދު 53 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ބިޔާދޫން ޕޮޒިޓިވްވީ މީހުންގެ އަދަދު 53 އަކަށް އަރާފައިވާ ކަމަށެވެ.

"ބިޔާދޫ އައިލެންޑް ރިސޯޓުގެ ކްލަސްޓާއި މިހާރު ޖުމްލަ 53 މީހަކު މިވަނީ ޕޮޒިޓިވްވެފައި. އެއީ އިއްޔެ ޕޮޒިޓިވްވި ތިން މީހުންނާ އެއްކޮށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބިޔާދޫން މިހާތަނަށް ވަނީ 104 މީހެއްގެ ސާމްޕަލް ނަގައިފައެވެ.

ބިޔާދޫން ފުރަތަމަ ކޭސްއެއް ޕޮޒިޓިވްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގެ މުވައްޒަފެކެވެ. ފަހުން އެ ރިސޯޓުން އިތުރު ކޭސްތައް ފެނިފައިވަނީ ފުރަތަމަ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުންނެވެ.

ބިޔާދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.