މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށްފަހު ގއ. ދެއްވަދޫން އެހެން ރަށަކަށް ގޮސްފައިވާ މީހުން، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އެދެފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ ނޮވެމްބަރު 30ގެ ފަހުން ދެއްވަދޫން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހެއްވާނަމަ، ސާމްޕަލް ނަގައި ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެދޭ ކަމަށެވެ. އަދި ދެއްވަދޫން މާލެ އައިސްފައިވާ މީހުން ވެސް މާލެ ހިޔާ ފުލޫ ކުލިނިކާއި ހުޅުމާލޭ ފުލޫ ކުލިނިކް އަދި ވިލިމާލޭ ފުލޫ ކުލިނިކުން ސާމްޕަލް ނަގައި، ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް ވެސް ވަނީ އަންގައިފަ އެވެ.

"30 ނޮވެމްބަރުގެ ފަހުން ދެއްވަދޫން އެހެން ރަށްރަށަށް ދަތުރުކުރައްވާފައިވާ ފަރާތްތަކުން ސާމްޕަލް ނަތީޖާ ނުލިބެނީސް ސްކޫލަށް، މަސައްކަތަށް އަދި އެހެނިހެން ކަންކަމުގައި ބޭރަށް ނުނުކުންނެވުމަށް ހާއްސަ ސަމާލުކަން ދެއްވުމަށް ދަންނަވަން،" އެޗްއީއޯސީން ބުންޏެވެ.

އެ ސެންޓަރުން އިތުރަށް ބުނީ ޑިސެމްބަރު 25ގެ ފަހުން ދެއްވަދޫން އެހެން ރަށަކަށް ގޮސްފައިވާ މީހުން، ދެއްވަދޫން ދިޔަތާ 14 ދުވަސް ހަމަނުވާނަމަ، ޓެސްޓު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނު ނިމުމަށްފަހު ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އެދިފަ އެވެ.

ދެއްވަދޫން ދަތުރުކުރި މީހުން ޓެސްޓުކޮށް، ކަރަންޓީންވާން އެޗްޕީއޭ އިން އަންގާފައި މިވަނީ، އެރަށުން ލ. ފޮނަދޫއަށް ދިޔަ ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އެމީހުން ދެއްވަދޫން ފޮނަދޫއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެމީހުން ޓެސްޓް ކޮށްފައިވަނީ ކޮވިޑްގެ އަލާމަތްތައް ފެނިގެންނެވެ.

ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެއެވެ. އޭގެ ފަހުން އެރަށުން އިތުރު ހަތް މީހަކު ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދިހައަކަށް އަރައިފަ އެވެ.

ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް "ވަން" އަށް ވިދާޅުވީ އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވި ކުޑަކުއްޖާ ހޯމް ކަރަންޓީނުގައި ހުރި ދުވަސްވަރު ޓެސްޓު ހެދުމަށްފަހު، ގއ. ހޮސްޕިޓަލުން އެކުއްޖާ ޕޮޒިޓިވް ނުވާ ކަމަށް އަންގާފައިވާ ކަމަށެވެ. އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އެކުއްޖާގެ ނަތީޖާ ނުލިބޭ ކަމަށް އެންގި ކަމަށާއި ނަމަވެސް ފަހުން އެ ކުއްޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއީއޯސީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ގއ. ދެއްވަދޫގައި ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެކަމުގައި ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.