ބޭނުން ދާއިރާއެއް އިހްތިޔާރު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރިޓަޔާޑް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް އެގޮތަށް ވިދާޅުވެފައިވަނީ، އޭނާ ރިޓަޔާ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައި ވަނިކޮށެވެ.
ފައިރޫޝް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭނުން ދާއިރާއެއް އިހްތިޔާރު ކުރުމުގެ ހައްގު އޭނާއަށް ލިބިގެންވާ ކަމަށާއި އެ ހައްގު ނިގުޅައިގަތުމުގެ އިހުތިޔާރެއް އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށެވެ.
ރައީސް ނަޝީދު އެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެނެވެ.
ފުލުހުންގެ ގާނޫނު ތަސްދީގު ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް އެ ގާނޫނުގައި ބުނެފައި އޮންނަނީ އެ ގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ފަހުން ކަމަށެވެ. އެއީ މާޗް މަހުގެ ތެރޭގަ އެވެ.
އެ ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި ފުލުހެއްގެ މަގާމުގައި ހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހްތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ހާލަތުގައި އަިދ އެފަދަ މައްސަލައެއް އުފުލުމުގެ ހާލަތުވެސް އުފެދިފައިނެތި، ވަކިވާ ކޮންމެ މީހަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު