ބިޔާދޫ އައިލެންޑް ރިސޯޓުން އިތުރު 32 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރު ތެރޭ (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 52 މީހުންގެ ތެރެއިން 32 މީހުންނަކީ ބިޔާދޫ ރިސޯޓުން ޕޮޒިޓިވްވި މީހުން ކަމަށެވެ.
ބިޔާދޫ ރިސޯޓުން ޕޮޒިޓިވްވި އެ 32 މީހުންނަކީ ވެސް އެ ރިސޯޓުގެ މުވައްޒަފުން ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. އެއާއެކު އެ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު މިވަނީ 49 އަށް އަރައިފައެވެ.
އިއްޔެގެ ނިޔަލަށް އެ ރިސޯޓުން ވަނީ 17 ޕޮޒިޓިވް ކޭސް ފެނިފައެވެ. ބިޔާދޫން ފުރަތަމަ ކޭސްއެއް ޕޮޒިޓިވްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެއީ އެ ރިސޯޓުގެ މުވައްޒަފެކެވެ. ފަހުން އެ ރިސޯޓުން އިތުރު ކޭސްތައް ފެނިފައިވަނީ ފުރަތަމަ ކޭސްއާ ގުޅިގެން ނެގި ސާމްޕަލްތަކުންނެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 11 މީހަކާއި އަތޮޅުތެރެއިން ހަ މީހަކާއި ރިސޯޓުތަކުން 34 މީހަކާއި ސަފާރީތަކާއި ޔޮޓްތަކުން މީހެކެވެ. ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 41 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 13،279 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 705 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 41 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49 މީހަކު ވަނީ މަރުވެފައެވެ. އެއީ 42 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު