ގއ. ދެއްވަދޫގައި ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެކަމުގައި ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫގައި ޕޮޒިޓިވްވި ހަތަރު މަހުގެ ކުޑަކުއްޖާގެ ކޭސްގައި އެއަތޮޅު ހޮސްޕިޓަލްގެ އިހުމާލެއްވޭތޯ ބަލަމުން އަންނަ ކަމަށާއި އެކަން ދިމާވިގޮތް ބަލަމުން އަންނަ ކަމަށެވެ. އެންމެ ފުރަތަމަ އެކަމުގެ މައުލޫމާތު ލިބިފައިވަނީ ރަނގަޅަށް ނޫން ކަމަށާއި މިރޭވެސް އެކަމުގެ ބައެއް ކަންކަން ސާފުވަމުން އަންނަ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ އެފަދަ ކަންކަމަކީ ހޮސްޕިޓަލް ނުވަތަ އެނޫންވެސް ފަރާތްތަކުންވިޔަސް ދިމާވެގެންވާނެ ކަންކަން ނޫން ކަމަށާއި އެކަންކަން ސާފު ކުރާނެ ކަމަށެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް "ވަން" އަށް ވިދާޅުވީ އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ހަތަރު މަހުގެ ކުޑަކުއްޖެއް ކަމަށާއި އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ތައުފީގް ވިދާޅުވީ އެ ކުޑަކުއްޖާ ހޯމް ކަރަންޓީނުގައި ހުރި ދުވަސްވަރު ޓެސްޓް ހެދުމަށްފަހު، ގއ. ހޮސްޕިޓަލުން އެކުއްޖާ ޕޮޒިޓިވްނުވާ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އެކުއްޖާގެ ނަތީޖާ ނުލިބޭ ކަމަށް އެންގި ކަމަށެވެ. އަދި އެވަގުތުގައި ކުޑަކުއްޖާގެ އާއިލާގެ މެންބަރަކު އޭނާއާ ކޮންޓެކްޓްވި ކަމަށާއި ފަހުން އެ ކުއްޖާ ޕޮޒިޓިވްވެފައިވާ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.
އެ ކުޑަކުއްޖާއާ ކޮންޓެކްޓްވި މީހާ ޕޮޒިޓިވްވީ އިއްޔެ ކަމަށާއި އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރިކަމަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ހަ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.
އެ ހަތް މީހުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ރަށް މޮނީޓަރިންނަށް ގެނެސްފައިވާ ކަމަށާއި އަދި މީގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ އިތުރު ތިން މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތައުފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން އެ ހަތް މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން އުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަކީ މަހަށްދާ މީހެއް ކަމަށާއި އެ ދޯނިން 28 މީހުން މަހަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު