މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ޕޮޒިޓިވްވީ މީހުންގެ އަދަދު 97 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން އުފެދުނު ކްލަސްޓާއިން މިހާތަނަށް 97 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 287 މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މީގެ ތެރެއިން 67 މީހުންނަކީ އެ ޕާޓީއަށް ދިޔަ މީހުން. އިތުރު 27 މީހަކު ޕޮޒިޓިވްވި މީހުންގެ ގޭގޭގެ މީހުން، އަދި އޭގެ އިތުރަށް އެ ފަރާތްތަކުގެ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

  • 24 ޑިސެންބަރު 2020: އެކަކު
  • 25 ޑިސެންބަރު 2020: 12 މީހުން
  • 26 ޑިސެންބަރު 2020: 22 މީހުން
  • 27 ޑިސެންބަރު 2020: އަށް މީހުން
  • 28 ޑިސެންބަރު 2020: ތިން މީހުން
  • 29 ޑިސެންބަރު 2020: 13 މީހުން
  • 30 ޑިސެންބަރު 2020: އަށް މީހުން
  • 1 ޖެނުއަރީ 2021: އަށް މީހުން
  • 3 ޖެނުއަރީ 2021: ނުވަ މީހުން
  • 4 ޖެނުއަރީ 2021: އެކަކު
  • 5 ޖެނުއަރީ 2021: ފަސް މީހުން
  • 6 ޖެނުއަރީ 2021: އެކަކު
  • 7 ޖެނުއަރީ 2021: ހަތް މީހުން

އެނގިފައިވާ ގޮތުގައި، އެ ކައިވެނި ހަފްލާއަށް ބަލީގެ އަލާމާތްތައް ހުރި ބައެއް މީހުންވެސް ގޮސްފައިވެއެވެ.

އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މިފަދަ ހަފްލާތައް ބާއްވާ އިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތީގެ ހިދުމަތް ދިނުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.