Close
ސިވިލް ސާވިސް ކޮމިޝަން

ތަމްރީނުތަކަށް ވީއްލާ ސިވިލްސާވަންޓުން ފާސްނުވާނަމަ ވަޒީފާއިން ވަކިކޮށް ބަދަލު ހޯދަނީ

އަލީ ޔާމިން

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ތަމްރީނުތަކަށް ވީއްލާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަ ނުކުރާ މުވައްޒަފުންނާ ގުޅޭގޮތުން އަމަލުކުރާނެ ގޮތްތަކެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ވަޒީފާގެ ޒިންމާތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ފުރިހަމަ ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ހަރަދުކުރެވުނު ފައިސާ އަނބުރާ ހޯދަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ވަޒީފާއާ ގުޅުމެއް ނެތް ތަމްރީންތަކުން ފާސްނުވި ނަމަވެސް ވަޒީފާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

މަތީ މަގާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލި އިރު ހުރި މަގާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަގާމާ އެއް ރޭންކެއްގެ މަގާމަކަށް ވަޒީފާ ހަމަޖެއްސުމަށްވެސް ނިންމާފައިވެއެވެ.

ވޒީފާގެ ވާޖިބަކާ ގުޅުން ނެތް ތަމްރީނެއް ނުވަތަ، މަތީ މަގާމެއް ރިޒާވް ކޮށްގެން ތަމްރީނުތަކަށް ދޫކޮށް، ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުންނަށް އިދާރާތަކުން ކޮށްފައިވާ ފައިސާގެ ހަރަދު އަނބުރާ އިދާރާތަކަށް ހޯދުމާ ގުޅޭގޮތުން އަމަލުކުރާނެ ގޮތް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ސިވިލް ސާވިސްގެ ގަވާއިދު 2014 ގެ 237 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސާވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ހަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ހަރަދުކުރި މުއްދަތަށް ރިއާޔަތްކޮށް ދިވެހި ސިވިލް ސާވިސްއަށް ހިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި އެ މުއްދަތަށް ހިދުމަތްކުރާ ގޮތަށް ހަމަޖެއްސިދާނެ އެވެ.

އޭގެ އިތުރުން ތަމްރީނަކާ ނުވަތަ ކޯހަކާ ގުޅިގެން ކޮށްފައިވާ އިތުރު ހަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި ފައިސާ ހޯދޭނެ ކަމަށްވެސް ސީއެސްސީން ބުންޏެވެ.