ރައްޔިތުން މިއަދު އެދެނީ ފަސޭހަ އަދި އަވަސް ހިދުމަތަކަށް ކަމަށް ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) ރައީސް މުހައްމަދު މުޖުތަބާ ވިދާޅުވެއްޖެއެވެ.
މުޖުތަބާ މިހެން ވިދާޅުވީ، "ދިވެހި ސިވިލްސާވިސް ކޮންފަރެންސް 2026" ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުޖުތަބާ ވިދާޅުވީ، ކޮންމެ ގައުމެއްވެސް، ހިންގުމުގެ މައި އިންޖީނަކީ އަދި ސަރުކާރުގެ ސިޔާސަތުތައް ހަގީގަތަަކަށް ހަދައިދޭ މައިގަނޑު ވަސީލަތަކީ ސިވިލް ސާވިސް ކަމަަށެވެ. އަދި ގައުމުގެ ކުރިއައެރުމާއި ތަރައްގީއަށްޓަކައި ސިވިލް ސާވިސްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ސިވިލް ސާވިސް ހަރުދަނާވެ ރަނގަޅުވެގެން ނޫނީ ގައުމު ކުރިއަރައިގެންނުދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ، ސިވިލް ސާވިސް އަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެއް ކަމަށެވެ.
"އަޅުގަނޑުމެން ކުދިކުދި ޖަޒީރާ ގައުމެއްގައި ލިބިފައިވާ މަދު ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރައްޔިތުން ބޭނުންވާ ފެންވަރަށް ހިދުމަތްދިނުމަކީ، ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެއް، އެހެންކަމުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދިނުމަށް ސީއެސްސީން އަބަދުވެސް މަސައްކަތް ކުރަންޖެހޭ،"
މުޖުތަބާ ވިދާޅުވީ، ތަރައްގީގެ މަގުގައި އެހެން ގައުމުތަކާ ފައި ހަމަކޮށް ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ކުރިއަށް ދެވޭނީ ހިދުމަތުގެ ފެންވަރު ކެނޑިނޭޅި ތަރައްގީ ކުރެވިގެން ކަމަށާއި އެފަދަ ތަރައްގީ އާއި ކުރިއެރުން ސީއެސްސީގެ ހިދުމަތަށް ގެނައުމަށް ސީއެސްސީގެ ހިންގުން ހަރުދަނާކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން މި ކޮފަރެންސުން ކުރާ މަޝްވަރާތަކާއި ދިރާސާތަކުން، ކަންކަން މުރާޖައާކޮށް، ސީއެސްސީއަށް ދިމާވެފައިވާ ގޮންޖެހުންތައް ނައްތާލައި އެ ކޮމިޝަނަށް ގެންނަންޖެހޭ ބަދަލުތައް އެނގިގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.
މުޖުތަބާ ވިދާޅުވީ، މިއަދު ސިވިލް ސާވިސްގެ ހިދުމަތް ލިބިގަންނަ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އިވެމުންދާ ޝަކުވާއަކީ އޮފީސްތަކުން ދޭ ހިދުމަތްތައް ލަސްވުމާއި ފޯނަށް ޖަވާބު ނުދިނުމާއި މުވައްޒަފުން ފަރުވާ ކުޑަވުމުގެ ޝަކުވާ ކަމަށެވެ.
ރައްޔިތުންގެ އުއްމީދާ އެއްވަރަށް ސީއެސްސީއަށް މަސައްކަތް ނުކުރެވޭކަން ފާހަގަ ކުރައްވައި މުޖުތަބާ ވިދާޅުވީ، އެކަން ކުރުމަށްޓަކައި މުވައްޒިފުންގެ ފެންވަރު މަތިކުރާނެ ގޮތްތައް ހޯދައި ދިރާސާ ކުރަންޖެހޭ ކަމަށެވެ.
އެހެންކަމުން ހިދުމަތް ދިނުމުގައި އިދާރީގޮތުން ދިގުލާ ދަތިތައް ނައްތާލައި، މުވައްޒިފުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ވަރުގަދަކޮށް، އެއް އިދާރާއަކުން އަނެއް އިދާރާއަކަށް މައުލޫމާތާއި ވަސީލަތްތައް ބަދަލުކުރުން ހަލުވިކޮށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި މަޑުކުރަންޖެހޭ ވަގުތު މި ކޮންފަރެންސުން މަދު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން