ރާއްޖޭގައި އުޅޭ ކޮންމެ 15 މީހަކަށް ސިވިލް ސާވަންޓެއް އެބަހުރި ކަމަށް ހަޔާ އެޑީއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ މިއަހަރުގެ ސިވިލް ސާވިސް ކޮންފަރެންސް 2026 ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަފީއު ވިދާޅުވީ، ދިވެހި ސިވިލް ސާވިސްގައި ދާއިމީ މުވައްޒަފުންގެ ގޮތުގައި 32,500 މުވައްޒަފުން ތިބި އިރު، ކޮންޓްރެކްޓް މުވައްޒަފުންނާ އެކު މި އަދަދު ގާތްގަނޑަކަށް 35,000 އަށް އަރާ ކަމަށެވެ.

"އާބާދީގެ ކޮންމެ ފަނަރަ މީހަކަށް ސިވިލް ސާވަންޓެއް އެބަހުރި. ނިސްބަތުން ބަލާއިރުގައި އަޅުގަނޑު ދަންނަވައިލާ ހިތްވަނީ، ދިވެހި ކޮންމެ ރައްޔިތަކަށް، ރާއްޖޭގައި އުޅޭ ކޮންމެ މީހަކަށް ބިދޭސީން ވެސް ހިމެނޭ ގޮތަށް ފަނަރަ މީހަކަށް ސިވިލް ސާވަންޓެއް ހުރުމަކީ އެއީ ވަރަށް ބޮޑު އަދަދެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ކޮމިޝަންގެ މަސައްކަތްތަކަށް އިދާރީ ކޮރަޕްޝަނެއް މެދުވެރިނުވާ ނަމަ، މާލީ ގޮތުން ކޮރަޕްޝަނެއް މެދުވެރިނުވާނެ ކަމަށާއި އެހެންކަމުން ކޮރަޕްޝަން ނައްތާލުމަށް އެންމެ ބޮޑު ދައުރެއް އަދާކުރެވެން އޮތީވެސް ސިވިލް ސާވިސް ކޮމިޝަނުގެ މުވައްޒަފުންނަށް ކަމަށް ޝަފީއު ފާހަގަ ކުރެއްވިއެވެ.

"ރާއްޖެއަކީ ކޮރަޕްޝަނުގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ގައުމެއްގެ ގޮތުގައި ބައްޓަން ކުރުމަށް އެެންމެ ބޮޑު އެއްބާރުލުމެއް، އެންމެ ބޮޑު މަސައްކަތެއްް ހަގީގަތުގައި ކުރެވޭނީ ތި ސިވިލް ސާވަންޓުންނަށް. ހަލުވި މަސައްކަތަކާއެކިީގައި، ޕްރޮފިޝަނަލިޒަމާ އެކީގައި، އެޑްމިނިސްޓްރޭޓިވް ކޮރަޕްޝަނަށް، އަޅުގަނޑުމެންގެ ގައުމުން ނައްތާލެވިއްޖެއްޔާމުން، ރައްޔިތުންގެ ފައިސާއަށް އަމާނަތްތެރިވާ، ރައްޔިތުންގެ ފައިސާއިން އެންމެ އެކަށީގެންވާ ހިދުމަތެއް ދޭންބޭނުންވާ، ރައްޔިތުންގެ ފައިސާއިން، އެ ރައްޔިތުން ހިތްހަމަޖެހޭފަދަ ހިދުމަތެއް ދެވޭފަދަ އޮފީސްތަކަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންނަކީ އެ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތްތައް ކަމަށެވެ. އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ތިބި އިރު ދައުލަތުގެ ބަޖެޓުން އެކަމަށް ބޮޑު ހޭދައެއް ކުރާކަން ވަޒީރު ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ ބަޖެޓުން، ދިވެހި ސަރުކާރުގެ ބަޖެޓުން، މުވައްޒަފުންނަށް މިކުރާ ހޭދައަށް ބަލާއިރު، ގާތްގަނޑަކަށް 15 ބިލިޔަނެއްހާ ހޭދަކުރަމުން މިދަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކުރާ ހިދުމަތުގެ ފެންވަރު މަތިކުރުމަށް، މުވައްޒަފުންނަށް ކުރާ ހޭދަޔާ، މުވައްޒަފުންގެ މުސާރަޔާ. ހިތް ހަމަޖެހޭ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭފަދަ މުސާރައެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތު،" މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިކަން އިތުރަށް ހަރުދަަނާ ކުރެވޭނީ، ސިވިލް ސާވިސްގެ މުވައްޒަފުން ގަވައިދުން މަސައްކަތަށް ނުކުތުމުންނެވެ. އަދި އޮފީހަކުންދޭ ހިދުމަތް ލަސްވާނަމަ އެ ތަނަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.