ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ފުރަތަމަ ފޮޓޯތައް

މުހައްމަދު ނާޖިހު

5

ތާރީޚީ ފޮޓޯތަކަކީ އެއިން އެތައް ވާހަކައެއް ކިޔައިދޭ އެއްޗެކެވެ. ލިޔުމަކުން ނޭނގޭ އެތައް ކަމެއް އޭގެ އަސްލު ސިފައިގައި ފެންނަން ހުންނަ ވަސީލަތެކެވެ. ތަނެއްގެ ތާރީޚު ދިރާސާކުރާ ބަޔަކަށް އަދި އިހުގެ ދިރިއުޅުން ބަލާލަން ބޭނުންވާ ބަޔަކަށް އެކަން އެއްމެ ފުރިހަމައަށް ސިފަކުރެވިގެންދާނެ އެއް ވަސީލަތަކީ ފޮޓޯއެވެ. އެހެންކަމުން ތާރީޚީ މަޒުމޫނުތަކުގެ ސިލްސިލާގެ ތެރެއިން މިއަދު އަޅުގަނޑު ހުށައަޅަން ގަސްކޮށްގެން ލިޔަމުން މިދަނީ ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ނެގުނު ފޮޓޯތަކާ ބެހޭގޮތުންނެވެ. އެ ފޮޓޯތަކަކީ ދިވެހީންގެ ވަކި ދުވަސްވަރެއް ވަރަށް ރީތިކޮށް ސިފަކުރެވިގެންދާނެ ފޮޓޯތަކެކެވެ. ދިވެހީންގެ ބައެއް މީހުންނާއި އެބައިމީހުން ލައި އުޅުނު ހެދުމާއި ކުޅަ ބައެއް މަސައްކަތްތަކާއި ބައެއް ތަކެއްޗާއި ތަންތަނުގެ ފޮޓޯތަކެކެވެ.

ދުނިޔޭގައި ފުރަތަމަ ފަހަރަށް ފޮޓޯގަނޑެއް ނެގުނީ މީލާދީން 1826 ވަނަ އަހަރުތެރޭގައެވެ. އަދި ފޮޓޯނެގުން އާއްމުވެގެން ދިޔައީ 1830 ގެ އަހަރުތަކުގެ ތެރޭގައެވެ. އެހެންނަމަވެސް އެ ދުވަސްވަރު ފޮޓޯނެގުމުގެ މަސައްކަތަކީ އަގުބޮޑު، ގިނަ ވަގުތު ހޭދަކުރަންޖެހުނު މަސައްކަތެކެވެ. އަދި ބޭނުންކުރަން ޖެހޭ ސާމާނުގެ ސައިޒުވެސް އޭރު ނިކަން ބޮޑެވެ. އެހެންކަމުން އެ ދުވަސްވަރު އެ މަސައްކަތުގައި އުޅުނީ ހަމައެކަނި އެކަމަށް ހުސްވެގެން ތިބޭ މީހުންނާއި މުއްސަނދީންގެ މީހުންނެވެ. އާއްމު މީހުންނަށް ފޮޓޯނެގޭ ފެންވަރަށް އެކަން ތަރައްގީވެގެން އައީ 1880 ގެ އަހަރުތަކުގެ ތެރޭގައެވެ. ދިވެހީންގެ މިހާތަނަށް ފެންނަން ހުރި އެންމެ ކުރީގެ ފޮޓޯތަކަކީ މި ދެންނެވި ދުވަސްވަރު ނަގާފައިވާ ފޮޓޯތަކެކެވެ.

އާދެ، ދިވެހީންގެ ފުރަތަމަ ފޮޓޯތަކަކީ މީގެ 135 އަހަރު ކުރީން މީލާދީން 1885 ވަނަ އަހަރު ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތަކަކީ އެއަހަރުގެ ފަހުކޮޅު ރާއްޖެ އައި ޖަރުމަނުވިލާތުގެ ކާލް ވިލްހެމް ރޮސެޓްއޭ ކިޔުނު މީހަކު ނަގާފައިވާ ފޮޓޯތަކެކެވެ. ކާލް ވިލްހެމް ރޮސެޓަކީ 1851 ގައި ޖަރުމަނުވިލާތުގެ ފްރެއިބަރގްއަށް އުފަން، ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް އެ ގައުމުތަކުގެ ސަގާފަތާއި ގުޅުން ހުރި ތަކެތި އެއްކޮށް ފޮޓޯނަގައި އުޅުނު މީހެކެވެ. އޭނާ ދިވެހިރާއްޖެއަށް އައީ 1885 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދަތުރުގައި އޭނާ ދެ މަހެއްހާ ދުވަހު މާލޭގައި މަޑުކުރިއެވެ. އޭނާ ރާއްޖެއިން ފުރީ 21 ޑިސެންބަރުގައެވެ.

ކާލް ވިލްހެމް ރޮސެޓް ވަނީ އޭނާ ދިވެހިރާއްޖެއަށް މިކުރި ދަތުރާބެހޭ ގޮތުންނާއި އަދި ދިވެހިރާއްޖެއާއި ބެހޭ ގޮތުން އޭނާ އެއްކުރި މައުލޫމާތުގެ އަލީގައި ލިޔުންތަކެއް ލިޔެ ޝާއިއުކޮށްފައެވެ. މިގޮތުން އޭނާ ލިޔުނު ލިޔުންތަކުގެ ތެރެއިން 16 އޮކްޓޯބަރު 1886 ގައި އިނގިރޭސި މަޖައްލާއެއް ކަމަށްވާ "ދަ ގްރެފިކް" ގައި ޝާއިއުކޮށްފައިވާ ލިޔުމާއި 23 އޭޕްރީލް 1887 ގައި ޖަރުމަނުގެ މަޖައްލާއެއް ކަމަށްވާ "އިލުސްޓްރިއެޓެ ޒައިޓުން" ގައި ޝާއިއުކޮށްފައިވާ ލިޔުން ފާހަގަކޮށްލެވެއެވެ. އަދި އޭގެ އިތުރުން އޭނާ ވަނީ އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި އެމެރިކާގައި ބޭއްވުނު މައުރަޒުތަކުގައި އޭނާ ދިވެހިރާއްޖެއިން ނެގި ފޮޓޯތަކާއި އަދި އެއްކުރި ތަކެތި ދައްކާލާފައެވެ. އޭނާ ނެގި ފޮޓޯތަކުގެ ތެރެއިން މިއަދު ފެންނަން ހުރީ މަދު ފޮޓޯތަކެކެވެ. ބައެއް ފޮޓޯތަގެ އަސްލުގެ ބަދަލުގައި ފެންނަންހުރީ ލިތޯގްރާފް ޕްރިންޓުތަކެކެވެ. ބުނެވޭ ގޮތުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އޭނާ އެއްކޮށްފައި ހުރި މިފަދަ ގިނަ ތަކެއްޗާއެކު ދިވެހިރާއްޖެއިން ނެގި ފޮޓޯތަކާއި އެއްކުރި ތަކެތި ހަލާކުވެ ނެތިދިޔައީއެވެ.

ކާލް ވިލްހެމް ރޮސެޓް ބަޔާންކުރާ ގޮތުން އޭނާ ރާއްޖެއަށް އަންނަން ރޭވީ 1884 ވަނަ އަހަރުގެ މެދުތެރޭގައެވެ. އެއީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެ ދެވޭގޮތް ވޭތޯ ބެލުމަށްޓަކައެވެ. އެހެންނަމަވެސް ކަން ދިމާކުރި ގޮތުން އެ އަހަރު އޭނާއަށް އެ ދަތުރުކުރެވޭ ގޮތް ނުވީއެވެ. އޭނާއަށް ދިވެހިރާއްޖެއަށް އާދެވުނީ އެއް އަހަރު ދުވަހުގެ އިންތިޒާރަކަށްފަހު ޖެހިގެން އައި 1885 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. 1885 ގެ އޮކްޓޯބަރު 25 ވަނަ ދުވަހު "ސިލޯނު" އޭ ކިޔުނު އާގުބޯޓުން ކޮޅުނބުން ފުރައިގެން މާލެއަށް އާދެވުނީ އޮކްޓޯބަރު 29 ވަނަ ދުވަހުއެވެ. މާލެއަތޮޅު އެތެރެވަރީ ބޯޓު ބަނދަރުކުރުމަށްފަހު ދިވެހިރާއްޖެއިން އޭނާ ފުރައިގެން ދިޔުމާ ހަމައަށް ދިވެހިރާއްޖެއިން އޭނާއަށް ފެނުނުހާ މަންޒަރުތަކާއި ކުލަވަރުތައް އޭނާގެ ލިޔުންތަކުގައި ވަރަށް ރީތިކޮށް ސިފަކޮށްދީފައިވެއެވެ.

މާލެ އަތޮޅުން ދިމާވި ދޯނިފަހަރާއި، މާލޭގެ މަލަމައްޗާއި، ދުވި ވަސްތަކުގެ ސިފަކުރުމަށްފަހު އޭނާ ދެން ސިފަކޮށްދިން އެއްޗަކީ އޭނާ ނެގި ފޮޓޯތަކުގައި ނެތަސް މިހާރު ދިވެހިރާއްޖެއިން އުވިގޮސްފައިވާ ވަރަށް ޚާއްސަ އެއްޗެކެވެ. އާދެ ޖަހާދޯންޏެވެ. ފަރާތެއްގައި 20 ފައްޔާއެކު ޖުމުލަ 40 ފަލީގެ މައްޗަށް އެކުލެވިގެންވާ ހަނި ދިގު ދޯންޏެކެވެ. ދޯނީގެ ހަނިކަމާއެކު ގަދަ ކަނޑެއްގައި އެފަދަ އެއްޗަކުން ދަތުރުކުރުން އޭނާ ސިފަކުރީ ވަރަށް ބޮޑު ނުރައްކާތެރި ކަމެއްގެ ގޮތުގައެވެ. ކޮންމެއަކަސް ދިވެހިރާއްޖެއިން މިހާރު ނެތިގޮސްފައިވާ ޖަހާދޯނި މިއަދު ފެންނަން ހުރީ ދިވެހިރާއްޖޭގެ އުތުރުން 70 މޭލުގައި އޮތް މަލިކުގައި އެކަންޏެވެ. ދިވެހިރާއްޖޭގެ އެ ޒާތުގެ ޖަހާދޯންޏެއްގެ އެންމެ ކުރީގެ މަންޒަރަކަށް ފެންނަން އޮތީ 1931 ވަނަ އަހަރުގެ ތެރޭގައި ސިލޯނުގައި ހުންނެވި އެކްޓިންގ ގަވަރުނަރު ބަރނާޑް ހެންރީ ބޯޑިލޯން ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ވީޑިއޯއަކުން ފެންނަ މަންޒަރެވެ.

ކާލް ވިލްހެމް ރޮސެޓްގެ މި ދަތުރުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ބޭފުޅަކީ އޭރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ހުންނެވި އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލަގެފާނެވެ. މިގޮތުން މާލޭގައި އޭނާ ހުންނަން އެކިލަގެފާނުގެ ގެކޮޅެއް ދެއްވައި ދިވެހިރާއްޖޭގެ އެކި ރަށްރަށަށް މީހުން ފޮނުވައިގެން ރާއްޖޭގައި އެޒަމާނުގައި ގެންގުޅުނު ދިވެހީންގެ ދިރިއުޅުމުގެ އެކި ކަންކަމުގައި ބޭނުންކުރި އާލާތްތަކާއި ތަފާތު އެއްޗެހި ހޯއްދަވައިދެއްވިކަމަށް އޭނާ ލިޔެފައިވެއެވެ. އޭރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވި ރަސްކަލަކީ މުސްކުޅި ބަންޑާރައިންގެ ހަގު ދަރިކަލުން އައްސުލްތާނު އިބްރާހީމް ނުރައްދީންއެވެ. އެ ދަތުރުގެ ފުރަތަމަ ދުވަހުމެ ބޮޑުވަޒީރާއި ބައްދަލުކޮށް ރަދުންގެ ފައިންޕުޅުގައި ހިފުމަށާއި އޭނާގެ މަސައްކަތަށްޓަކައި ދިގުމުއްދަތަކަށް މާލޭގައި ގާއިމުވެ ހުރުމަށާއި އަދި އެހެން ރަށްރަށަށް ދަތުރުކުރުމުގެ ހުއްދައަކަށް ރަދުން އަރިހުގައި އެދިވަޑައިގަތުމަށް އެދުނެވެ. އެހެންނަމަވެސް މާލޭގައި ގާއިމުވެ ހުރުމުގެ ހުއްދަ ފިޔަވައި އިތުރު ހުއްދައެއް ރަދުން އޭނާއަކަށް ނުދެއްވިއެވެ. އޭނާ ލިޔެފައިވާ ގޮތުން ސަބަބެއް ކަމަށް ބެލެވެނީ އޭނާއަކީ ޖަރުމަނުންގެ ޖާސޫސެއް ކަމުގައި ވެދާނެކަމުގެ ޝައްކު ކުރެއްވިގެންނެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދިޔުމުގެ ހުއްދަ ނުލިބުމުން، ބޮޑުވަޒީރު އިބްރާހީމް ދޮށިމޭނާ ކިލަގެފާނު ދެއްވި ގޭގައި ޖަގަހަ ޖެހުމަށްފަހު އޭނާ މާލެ ބަލައި މާލެއިން އޭނާއަށް މުހިއްމުވީ މީސްމީހުންނާއި ތަންތަނުގެ ފޮޓޯ ނެގިއެވެ. އަދި އޭރު މާލެއިން އޭނާއަށް ފެނުނު ޝައުގުވެރި އެކި ތަކެތި އެއްކުރިއެވެ. މިކަމުގެ ތެރެއިން އޭނާއަށް ފެނުނު މަންޒަރުތަކާއި ކުރެވުނު ތަޖުރިބާ އޭނާވަނީ ކުރިން ދެންނެވި ފަދައިން ރާއްޖެއާ ބެހޭ ގޮތުން އޭނާ ލިޔުނު މަޒުމޫނުތަކުގައި ބަޔާންކޮށްފައެވެ. އޭނާ މާލެ ސިފަކޮށްދީފައިވާ ގޮތުން އޭރުވެސް މާލޭގައި ހަތަރު ފޫޓު އުސް ކަނޑުތޮއްޓެއް ލާފައިވާ ފުރިހަމަ ބަނދަރެއް އޮތްކަން ފާހަގަކުރިއެވެ. އަދި އެބަނދަރަކީ ރާއްޖޭގެ އެކި ރަށްރަށުން މާލެ އަންނަ އޮޑިދޯނިފަހަރު އަޅާފައި ބާއްވަން ނުހަނު ރައްކާތެރި ބަނދަރެއްކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އޭނާ ނެގި ފޮޓޯތަކުގެ ތެރެއިން ބަނދަރުގެ ފޮޓޮއެއް އަޅުގަނޑުމެންނާ ހަމައަށް ފެންނަން ލިބިފައި ނެތަސް އޭނާގެ ފޮޓޯތަކުގެ ލިތޯގްރާފިކް ޕްރިންޓްތަކެއްގެ ނަކަލުތަކުގެ ތެރޭގައި މާލޭ އެތެރޭ ބަނދަރުގެ ބައެއް މަންޒަރު ފެންނަން އެބަހުއްޓެވެ.

އާދެ، މީލާދީން 1885 ގައި ކާލް ރޮސެޓަށް ފެނުނު މާލެ އޭނާއަށް ސިފަކުރެވުނީ އިރުމަތީގެ ގައުމުތަކުގެ ރަށްރަށާއި ޚިލާފަށް ނުހަނު ސާފުތާހިރު ރަށެއްގެ ގޮތުގައެވެ. ހުދު ދޮންވެލީގެ ފުޅާ، ތެދު މަގުތަކާއި ވަށައިގެން ފުޅައް އަޅައި ތަރުތީބުން އެތުރިފައި ހުރި ގެތަކެވެ. ރަށުތެރޭގައި ގޯތިގޯއްޗަށާއި މަގުތަކަށް ހިޔާދޭ ބޮޑެތި ގަސްތައް ހުރުމާއެކުވެސް އަބަދުމެ މަގުތަކާއި ގޯތިތައް ކުނިކަހައި ސާފުކޮށްފައި އޮތް މާލެއެކެވެ. ދިވެހީންގެ މި ސާފުތާހިރު ކަމަކީ ދިވެހި ތާރީޚުން ފާހަގަކޮށްލެވޭ ކަމެކެވެ. ދިވެހިރާއްޖެއާ ބެހޭ ގޮތުން ލިޔެއުޅުނު ބޭރުގެ އެންމެންހެން ލިޔެފައިވާ ވާހަކައެކެވެ. މިދަންނަވަނީ މިހާރުގެ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް މިހާރު މިއުޅޭ އަޅުގަނޑުމެން ފަދަ މީސްމީހުންނަށް ވާނީ ދިވެހީންގެ ސާފުތާހިރު ޒަމާންވެސް ފެނިފައެވެ. އަދި ރޮސެޓް ބުނެފައި އެވާ ވާހަކައަކީ ހައްގުތެދު ވާހަކައެއްކަން އެއްވެސް ޝައްކެއް ނެތި ގަބޫލުކުރެވޭނެއެވެ.

މާލޭގެ ގޯތިގެދޮރުގެ ސާފުތާހިރުކަމުގެ ވާހަކަ ބަޔާންކުރުމަށްފަހު ގޯތިތަކުން އޭނާއަށް ފާހަގަކުރެވުނު ގޯހެއްގެ ވާހަކަވެސް އޭނާވަނީ ބަޔާންކޮށްފައެވެ. އެއީ ކޮންމެ ގޯއްޗެއްގެ ވަށައިގެން މީހެއްގެ އިސްކޮޅަށްވުރެ އުސްކޮށް އަޅާފައި ހުންނަ ފުޅަށްތަކެއްގެ ވާހަކައެވެ. އޭގެ ސަބަބުން ގޯތިތެރެއަށް ސާފު ވައި ދައުރުކުރުމަށް ހުރަސްއެޅޭ ކަމަށާއި ގެއަށް ވައިވައްދާނޭ ކުޑަދޮރުތައް ކުދިވެފައި ގެއަށް ވަންނަން ހުންނަ ދޮރަކީވެސް އެކަށީގެންވާ ބޮޑު ދޮރަކަށް ނުވާތީ ގޭތެރެއަށްވެސް ވައި ނުވަދެ އެކަމުގެ ސަބަބުން ބަލިތަކަށް މަގުފަހިވާ ވާހަކައެވެ.

ރޮސެޓް ލިޔެފައިވާ ގޮތުން އޭރު މާލޭގައި 800 ވަރަކަށް ގެ ހުއްޓެވެ. އަދި މަދު ގެއެއް ފިޔަވައި އޭރު ހުރީ މުޅީންވެސް އެއްބުރީގެ ގެތަކެވެ. ގިނަ ގެ ހުރީ ފަނުންނެވެ. އޭނާ ހުންނަން ބޮޑުވަޒީރު ދެއްވި ގެއަކީ ދެބުރިއަށް ހުރި މަދު ގެތަކުގެ ތެރެއިން އެއްގެ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. ގެތައް ހުންނަނީ ވަށައިގެން ފުޅަށް އަޅާފައިވާ ބަގީޗާއެއްގައި ކަމަށާއި އޭގެތެރެއިން ކޮންމެ ގެއެއްވެސް އޮންނަނީ ދެބަޔަކަށް ބައިކޮށްފައި ކަމަށާއި އެއްބަޔަކީ ފިރިހެނުންނަށް ޚާއްސަ ބައިކަމަށާއި އަނެއް ބަޔަކީ އަންހެނުންނާއި ކުޑަކުދީންނަށް ޚާއްސަ ބައިކަމަށް އޭނާ ބަޔާންކޮށްފައިވެއެވެ. ގޭގެ ދޮރުމައްޗަށް އޮންނަ ފިރިހެނުންގެ ބައިގެ ބިއްގަނޑުގެ ވަށައިގެން އަށި ހުންނަކަމަށާއި އަދި މާލޭގެ ގެތަކުގެ އެންމެ ޚާއްސަ ފަރުނީޗަރުކަމުގައި ހިމެނޭ އުނދޯލި އެލުވާފައި ހުންނަ ކަމަށްވެއެވެ. ހަމައެހެންމެ އަންހެނުންގެ ބައިގައިވެސް އެފަދަ ގޮތަކަށް ފަރުނީޗަރު ހުންނަކަމަށްވެއެވެ. ގޭގައި ހުންނަ އުނދޯލި އެލުވަން ބޭނުންކުރާ ޗޭނުގަނޑު ނުވަތަ ވާގަނޑު މޮޅުދެރަވަނީ އެގެއެއްގައި ދިރިއުޅޭ ބައެއްގެ އިޖުތިމާއީ ދަރަޖައިގެ މައްޗަށް ކަމަށް ރޮސެޓް ލިޔެފައިވެއެވެ. މިގޮތުން މަތީ ދަރަޖައިގެ މީހުން އުނދޯލި އެލުވަން ބޭނުންކުރަނީ ރަންވަންލޮއިން ހަދާފައިވާ ޗޭނުކަމަށާއި، މެދުކެނބީންގެ މީހުން ބޭނުންކުރަނީ ދަގަނޑު ޗޭނުކަމަށާއި އަދި އާދައިގެ މީހުން ބޭނުންކުރަނީ ރޯނު ކަމަށެވެ. މީގެ އިތުރުން އެނދު، އަށި، އުނދޯލީގައި އަޅަން ބޭނުންކުރާ އެއްޗެހިވެސް މިންކުރަނީ އިޖުތިމާއީ ދަރަޖައިންނެވެ. މަތީ ދަރަޖައިގެ މީހުން ގޮދަޑި، ބާލީސް އަދި ކަންނެޔޮ ފަދަ ތަކެތީގައި ފަށުވި ފޭރާން ބޭނުންކުރާއިރު މެދުކެނބީން ބޭނުންކުރަނީ ކަފަ ފޭރާމެވެ. އަދި އާދައިގެ މީހުން ހުއިފަދަ ތަކެތި އަޅައިގެން ވިޔެފައި ހުންނަ ތަކެއްޗާއި ކުނާ، ސާންތި ފަދަ ތަކެތި ބޭނުންކުރާކަމަށެވެ.

މާލޭގެ ގެތަކުގައި އަންހެނުންނަށް ޚާއްސަކޮށްފައި އޮންނަނީ ގޭގެ އެތެރެބައެވެ. މަސައްކަތެއް ނެތި ތިބޭ ވަގުތު އަންހެނުން ތިބޭނީ އެތަނުގެ ތެރޭގައެވެ. އަދި ގެއަށް ބޭރުން ފިރިހެނަކު އައިސް އުޅޭއިރުވެސް އަންހެނުން ތިބޭނީ އެތަނުގައެވެ. އޭނާ ބުނާ ގޮތުން މިގޮތަށް ބައިކުރެވިފައި އޮތް ނަމަވެސް އިސްލާމީ އެހެން ބައެއް ގައުމުތަކުގައި އޮންނަ ދަރަޖައަށް ދިވެހިރާއްޖޭގެ އަންހެނުން އެކަހެރިކޮށްފައި ނުތިބެއެވެ. އޭނާ މާލޭގެ އާދައިގެ ގޭގެއަށް ކުރި ޒިޔާރަތްތަކުގައި ވަރަށް ގިނަ ފަހަރަށްް އޭނާއާއި ގޭގެ ފިރިހެންވެރިން ދައްކާ ވާހަކަތަކުގައި އެގެއެއްގެ އަންހެންވެރީން ބައިވެރިވެ އުޅޭކަމަށް ބަޔާންކޮށްފައިވެއެވެ.

މާލެތެރެއިން އޭނާއަށް ފެނުނު މަންޒަރުތަކުން އޭނާއަށް ސިފަވެގެން ދިޔައީ ދިވެހީންނަކީ ވަރަށް ކުޅަދާނަ މަސައްކަތަށް މޮޅު ހުނަރުވެރި ބައެއްގެ ގޮތުގައެވެ. މިގޮތުން ދިވެހިރާއްޖޭގެ ހުވަދުއަތޮޅުގައި ވިޔާ ތުނޑުކުނަލުގެ މޮޅު ވާހަކަ އޭނާ ބަޔާންކޮށްފައިވައިވެއެވެ. އެކުނަލުގެ ހުންނަ ރީތި ޑިޒައިންތަކުގެ ސަބަބުންނާއި އޭގެ ކުލަތައް ފަނޑުނުވާ ކަމަށްޓަކައި އެއީ ނަންހިނގާފައިވާ ކުނަލެއް ކަމަށްވެސް އޭނާ ބަޔާންކޮށްފައިވެއެވެ.

ދިވެހީންނަކީ އެމީހުންނަށް ނުފެންނަ އާތަކެތި ފެނުމުން އެއާ އެއްގޮތަށް ނަމޫނާތައް ތައްޔާރުކުރުމުގައިވެސް ކުޅަދާނަ ހުނަރުވެރި ބައެއް ކަމަށާއި ޔޫރަޕުގައި ގެންގުޅޭ ބައެއް ތަކެތި ބަލައިގެން އެނަމޫނާއަށް ވަރަށް ފުރިހަމަ ރީތި ތަކެތި އުފައްދާފައިވާ ކަމަށްވެސް ރޮސެޓް ލިޔެފައިވެއެވެ.

ރޮސެޓް ބަޔާންކޮށްފައިވާ ގޮތުން އެދުވަސްވަރުގެ ދިވެހި ފިރިހެނުންގެ އާއްމު ހެދުމަކީ މަތީގައިވާ ފޮޓޮއިންވެސް ފެންނަ ފަދައިން އަނދެގެން ތިބޭ މުންޑު ނުވަތަ ފޮށައެކެވެ. އޭގެ އިތުރުން ބޮލުގައި އަޅާ ޚާއްސަ ފާޑެއްގެ ރުމާލެކެވެ. އޭނާ ލިޔެފައިވާ ގޮތުން ހުކުރު ދުވަސް ފަދަ ޚާއްސަ ދުވަސްތަކުގައްޔާއި ޚާއްސަ އިހުތިފާލުތަކާއި ގުޅިގެން އެމީހެއްގެ ދަރަޖައަކާއި ގުޅޭ ގޮތަށް ފިރިހެނުން ލިބާސް ލައި އުޅެއެވެ. މިތަނުގައި ލިބާހޭ މި ލިޔުނީ އަންހެނުން ލާ ޒާތުގެ ލިބާހުގެ ވާހަކައެއް ނޫނެވެ. މަތީ ދަރަޖައިގެ މީހުން މި ލިބާހުގެ ބޭރުން ޖެކެޓު ފާޑުގެ އެއްޗެއްވެސް ލައި އުޅުނުކަމަށްވެއެވެ.

ދިވެހި އަންހެނުންގެ ހެދުމަކީ ތިރިން އަންނަ ފޭއްޔަކާއި އޭގެ މަތިން ލާ ކަސަބު ބޯވަޅު އެޅި ލިބާހެކެވެ. އެއީ މިޒަމާނާ ހަމައަށް އަޅުގަނޑުމެންނަށް މިފެންނަ ލިބާހާ ހިސާބަކަށް ތަފާތު ލިބާހެކެވެ. ރޮސެޓްގެ ދުވަސްވަރު ދިވެހި އަންހެނުން ލައިއުޅުނު ލިބާހަކީ މިހާރު އަޅުގަނޑުމެންނަށް އާއްމުކޮށް މިފެންނަ ލިބާހަށްވުރެ ކަރު ކުޑަ އަދި ކަރުގެ ވަށައިގެން ހުންނަ ކަސަބުބައި ކުޑަ ލިބާހެކެވެ. އަދި އެ ލިބާހުގެ އަތުކުރީގައި އަޅާ ކިނާރީ ފަށްވެސް ވަރަށް ހަންޏެވެ. ފަހުން މާލެ ސަރަހައްދުގެ އަންހެނުން ބޮލުގެ ހުޅި އެއްފަރާތަށް ޖަހައި ރުމާފަޅި އަޅައި އުޅުނަސް އޭރުގެ އަންހެނުން ހުޅި ޖަހައި އުޅުނީ ފުރަގަހަށެވެ. އަދި ބޮލުގައި، ލިބާހާއި އެއްކުލައަކަށް އޮންނަ ފޮތިގަނޑެއް އޮޅާފައި އޮންނަކަމަށް ރޮސެޓް ލިޔެފައިވެއެވެ. މިސިފައަށް ބަލާއިރު އެންމެ ވައްތަރީ ދާދި ފަހަކާ ޖެހޭންދެން މަލިކު މީހުން ރަތްލިބަސް ލައި، ފުރަގަހަށް ހުޅިޖަހައި، ބޮލުގައި ފަޓުގަނޑޭ ކިޔާ ފޮތިގަނޑު އޮޅާފައި ހުންނަ ގޮތާއެވެ. އަންހެނުންގެ ލިބާސް ފަހާފައި ހުންނަ ފޮތީގެ ކޮލިޓީ ތަފާތު ވަނީ އެމީހަކު ނިސްބަތްވާ ދަރަޖައަކުންނެވެ.

ރޮސްޓްގެ ދުވަސްވަރު މާލޭގައި ވަރަށް ގިނަ މިސްކިތް ހުއްޓެވެ. އޭގެތެރޭގައިވެސް ވަކީން ޚާއްސަ ބޮޑު ދެ މިސްކިތެއް ހުރި ކަމަށް އޭނާ ލިޔެފައިވެއެވެ. އެހެންނަމަވެސް އޭނާ ބަޔާންކޮށްފައިވާ ގޮތުން މިސްކިތުގެ އިމާރާތާއި އެތެރޭގެ ޒީނަތްތެރިކަމަށް ބަލާއިރު އެ ދެމިސްކިތުން ޚާއްސަ އެއްވެސް ކަމެއް އޭނާއަށް ފާހަގައެއް ނުކުރެވުނެވެ. އެކަމަކު މިއި ވަރަށް އަޖައިބުކުރުވަނިވި ކަމެކެވެ. ލަފާކުރެވޭ ގޮތުން އޭނާ އެބުނާ ދެ މިސްކިތަކީ ހުކުރު މިސްކިތާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތެވެ. އޭނާ އެއިން މިސްކިތަކަށް އަރައި ބެލި ނަމަ ފާހަގަކުރެވޭނެ ކިތަންމެ ޚާއްސަ ކަންކަން އެ ދެމިސްކިތުން ފެނުނީހެވެ. އެއްގޮތަކީ އޭނާ އެއިން މިސްކިތަކަށް ނުވަންނަނީއެވެ. ނުވަތަ ވަނުމުގެ ފުރުސަތު ނުލިބުނީއެވެ. ކޮންމެއަކަސް އޭނާ ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން ފެންނަން ހުރި ފޮޓޯތަކުގެ ތެރޭގައި މާލޭގެ މިސްކިތެއްގެ ފޮޓޯވެސް ވެއެވެ. އެ މިސްކިތް ހުރި ތަނާއި ހުރި ގޮތަށް ބަލާއިރު ބޮޑަށް ބުރަވެވެނީ އެއީ އީދު މިސްކިތް ކަމަށެވެ.

ރޮސެޓް އޭނާގެ ލިޔުމުގައި ބަޔާންކޮށްފައިވާ ފަދައިން މާލެއަކީ ދިވެހިރާއްޖޭގެ ވެރިރަށަށްވެފައި ވިޔަފާރީގެވެސް މައި މަރުކަޒުކަމުގައި ވާތީ ދިވެހިރާއްޖޭ އެންމެ އާބާދީ ބޮޑު ރަށަކީ މާލެއެވެ. އެހެންކަމުން މާލޭގައި ދިރިއުޅެ މަރުވާ މީހުންގެ ނިސްބަތްވެސް ގިނަ ކަމަށާއި އޭގެ ސަބަބުން މާލޭގައި ގަބުރުސްތާނުތައް ވަރަށް ގިނަކަމަށެވެ. އަދި ދިވެހިންނަކީ އެރަށަކަށް މަރުވާ ބަޔަކު އެރަށެއްގައި ވަޅުލާ ބައެއް ކަމަށާއި އެއްވަޅުގަނޑެއްގައި ދެމީހަކު ވަޅުނުލާ ކަމަށާއި އެހެންކަމުން މުޅި މާލެވަނީ ގަބުރުތަކުން ތަޣައްޔަރުވެފައި ކަމަށް އޭނާ ބަޔާންކޮށްފައިވެއެވެ. އަދި އޭގެ ސަބަަބުން މާލޭގެ ބިމުން ނަގާ ފެންވެސް ކަމުނުދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ އޭގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ފަހުން މާލެ އައި އެޗް.ސީ.ޕީ. ބެލްވެސް ބަޔާންކޮށްފައިވާ ވާހަކަތަކެކެވެ.

ދިވެހިރާއްޖޭގެ ރަސްގެފާނު ހުންނަވަނީ ވަށައިގެން ބޮޑު އުސްފާރެއް ރާނާފައިވާ ގަނޑުވަރެއްގައިކަމަށާއި ގަނޑުވަރަކީ ޔޫރަޕުގެ ވައްތަރަށް ރީތިކޮށް ހަދާފައިވާ އިމާރާތެއް ކަމަށް ރޮސެޓް ބަޔާންކޮށްފައިވެއެވެ. އަދި ގަނޑުވަރު ބަލާލުމުގެ ފުރުސަތު އޭނާއަށް ލިބުނުކަމަށާއި ގަނޑުވަރުގެ ފެންޑާގެ ފޮޓޮއެއް އޭނާ ނެގިކަމަށް ލިޔެފައިވެއެވެ. އެތަނުގައި ހުރީ ޔޫރަޕުގެ އަގުބޮޑު ފަރުނީޗަރު ކަމަށްވެސް އޭނާ ބަޔާންކޮށްފައިވެއެވެ. ގަނޑުވަރުގެ ގޯތީގައި ގަނޑުވަރު ވަށައިގެން ތަފާތު އެކި ބޭނުންތަކަށް ހުންނަ އިމާރާތްތައް ހުންނަކަމަށްވެސް އޭނާ ލިޔެފައިވެއެވެ.

ގަނޑުވަރުގެ ފެންޑާއިން ރަސްގެފާނުގެ ޚާއްސަ މިއުޒިކު ބޭންޑް، އާދެ ބެރުދުންމާރިތާޅަފިލިވެރިން ބޭނުންކޮށްއުޅުނު މިއުޒިކުކުޅޭ ސާމާނު ހުރި ކަމަށްވެސް ރޮސެޓް ބަޔާންކޮށްފައިވެއެވެ. ރޮސެޓް ނަގާފައިވާ ފޮޓޯތަކުގެތެރޭގައި ބޭރުދުންމާރިތާޅަފިލިވެރިންގެ ފޮޓޯއެއްވެސް ނަގާފައިވެއެވެ. ގަނޑުވަރުގެ ފެންޑާއިން ފެންނަ ތަނބުތަކަށް ބަލާއިރު އެފޮޓޮއިން ފެންނަ ތަނބުތައްވެސް ވައްތަރީ ފެންޑާގެ ތަނބުތަކާއެވެ.

ރޮސެޓް ލިޔެފައިވާ ގޮތުން އޭނާއަށް ދިވެހިރާއްޖޭގެ ރަސްގެފާނާ ބައްދަލުކުރެވޭ ގޮތްވީ ވަރަށް މަސައްކަތުންނެވެ. އަދި އޭނާ މާލޭގައި ހުރި މުއްދަތުގައި ރަސްގެފާނާ ބައްދަލުކުރެވުނީ ޖުމުލަ ދެފަހަރެއްގެ މަތީން ކަމަށާއި އެ ދެފަހަރުވެސް ދިވެހިރާއްޖޭގެ އެހެން ރަށަކަށް ދިޔުމުގެ ހުއްދައަކަށް އެދިގެންވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިކަމަށެވެ. އޭނާ ބުނާ ގޮތުން އެ ހުއްދަ ނުލިބުނީ އޭނާއަކީ ދިވެހިރާއްޖެ ޖަރުމަނުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި މަސައްކަތްކުރަން ޖަރުމަނުން ފޮނުވާފައި ހުރި އެޖެންޓެއްކަމަށް ރަސްގެފާނަށް ހީފުޅުކުރެއްވޭތީއެވެ.

ދިވެހިރާއްޖޭގެ ރަސްގެފާނަކީ އުމުރުފުޅުން ބާވީސް ނުވަތަ ތޭވީހަކަށް އަހަރުގެ ޒުވާން ބޭފުޅެއް ކަމަށާއި، މެދުމިނުގެ ކަޅު ތުނބުޅިފުޅެއް ހުންނަކަމަށާއި އަދި ރަދުންގެ ގައިކޮޅުގައި ހުންނަނީ އޮޅަލިކުލައެއްކަމަށް ލިޔެފައިވެއެވެ. އަދި އެރަދުންގެ ހަށިކޮޅަކީ ވަރުގަދަ ބޮޑު ހަށިކޮޅެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. އަދި ރަސްގެފާނު ވިދާޅުވާ ގޮތުން އެމަނިއްޕުޅަކީ 13 އަތޮޅާއި 12000 ރަށުގެ ވެރިރަސްގެފާނެވެ. ކޮންމެއަކަސް އެ 13 އަތޮޅަކީ ރާއްޖެ އޭރު ބަހާފައި އޮތް 13 އިދާރީ ބައެވެ. އަދި 12000 ޖަޒީރާއޭ ބުނެވެނީ ކޮންމެހެން ޖަޒީރާތަކުގެ އަދަދަށް ނޫންކަމަށާއި ޒަމާނުއްސުރެން ރަށްތަކުގެ އަދަދުގެ ގިނަކަން ބަޔާންކުރަން ކިޔާ އިބާރާތެއްކަމަށް ދޭހަވެއެވެ. ރޮސެޓް މާލޭގައި އުޅުނުއިރު ދިވެހިރާއްޖޭގެ ތަޚުތުގައި އިންނެވީ ކުރިންވެސް ދެންނެވުނު ފަދައިން އައްސުލްތާނު މުހައްމަދު އިމާދުއްދީން 4، އާދެ، މުސްކުޅިބަންޑާރައިންގެ ހަގު ދަރިކަލުން އައްސުލްތާނު އިބްރާހީމް ނޫރައްދީންނެވެ.

ރޮސެޓަށް ނޫރައްދީން ބަންޑާރައިންނާ ބައްދަލުވެވުނު ފަހަރު އޭނާ ނެގި ފޮޓޯތައް ރަދުންނަށް ދެއްކިކަމަށާއި އަދި ޚުދު އޭނާގެ ފޮޓޮއެއްވެސް ރަސްގެފާނަށް ހަދިޔާކުރި ކަމަށާއި އެހެންނަމަވެސް ރަސްގެފާނު އަމިއްލަފުޅު ފޮޓޮއެއް ނަންގަވަން ރުހިވަޑައި ނުގެންނެވި ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ރޮސެޓް ނެގި ފޮޓޯތަކުގެ ތެރެއިން ނޫރައްދީން ބަންޑާރައިންގެ ފޮޓޯފުޅެއް ކަމަށް ބަޔަކު ބުނެ، ލިޔެކިޔުންތަކާއި ވެބްސައިޓްތަކުގައި ޝާއިއުކޮށްފައިވާ ފޮޓޮއެއް އޮތެވެ. ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައިވެސް ނޫރައްދީން ބަންޑާރައިން ކަމަށް ލިޔެ މިދެންނެވި ފޮޓޯ ބަހައްޓާފައި ހުއްޓެވެ. އެހެންނަމަވެސް އެ ފޮޓޮއަކީ ރަސްގެފާނުގެ ފޮޓޯފުޅެއް ނޫނެވެ. ރޮސެޓްވެސް ރަސްގެފާނުގެ ފޮޓޯފުޅެއް ނުނަންގަވާ ކަމަށް ލިޔެފައި އެބައޮތެވެ. ހަމަ އެހެންމެ ރަސްގެފާނުގެ ފޮޓޯފުޅުކަމަށް ބުނާ ފޮޓޯގެ ކޮޕީއެއް ފަރަންސޭސި ގައުމީ ކުތުބުޚާނާއަށް ހަދިޔާކުރިއިރު ފޮޓޯގެ ނުފުށުގައި އެއީ ކޮން ބޭފުޅެއްކަން އެނގޭ ގޮތަށް ލިޔެފައިވެއެވެ. މިގޮތުން މިދެންނެވި ފޮޓޮއަކީ ނޫމަރާގަނޑުވަރު ހަސަން ފާށަނާ ކިލަގެފާނުގެ ފޮޓޯފުޅެކެވެ.

އެޒަމާނުގައި ދިވެހީން މުނިފޫހިފިލުވުމަށްޓަކައި މާގިނަ ކުޅިވަރުތަކެއް ކުޅެ ނޫޅޭ ކަމަށް ރޮސެޓް ލިޔެފައިވެއެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ތާރީޚީ ގޮތުން އެނގެން އޮތް ގޮތުގައި މުނިފޫހި ފިލުވުމަށްޓަކައި ދިވެހީންވެސް ތަފާތު އެކި ބާވަތުގެ ކުޅިވަރު ކުޅެއުޅުނެވެ. އެހެންނަމަވެސް އާއްމުގޮތެއްގައި ދިވެހީންގެ މިފަދަ ކުޅިވަރުތައް ގުޅެނީ ފާހަގަކުރާ އެކިއެކި ދުވަސްތަކުގައި ކަމަށްވާތީ ރޮސެޓް ހުރި އިރު އެފަދަ ދުވަސްވަރަކާ ކުރިމަތިވެފައި ނުވަނީ ކަމަށްވުން އެކަށީގެންވެއެވެ. އެހެންނަމަވެސް ރޮސެޓްގެ ފޮޓޯތަކުގެ ތެރޭގައި ރަސްގެފާނަށް ދައްކަން ތޮއްޑޫ ދަނޑިއާއި މަލިކު ތާރަ އޭ ކިޔުނު ދެކުޅިވަރެއް ކުޅޭ މަންޒަރު އަޅުގަނޑުމެންނަށް ފެންނަން އެބަހުއްޓެވެ. ތޮއްޑޫ ދަނޑީގެ ފޮޓޯ އިސްވެ ހިނގައްޖެއެވެ. މިދެންނެވި ކުޅިވަރުތަކުގެ ބޭރުން ދިވެހީންގެ ހަށިގަނޑަށް ކަސްރަތު ލިއްބައިދޭ މައިގަނޑު މަސައްކަތަކީ ކުޅިވަރެއްގެ ގޮތުން މަސްބާނަން ދިޔުންކަމަށް އޭނާ ލިޔެފައިވެއެވެ. އެއީ އިނގިރޭސިވިލާތުގެ މީހުން ޝިކާރަކުރާށާއި ބަޑިޖަހަން ނުކުމެ އުޅޭ ފަދައިން ދިވެހީންކޮށް އުޅޭ ކަމެއްކަމަށްވެސް އޭނާ ބަޔާންކޮށްފައިވެއެވެ. އޭގެ އިތުރުން ގުޑިއެއްލުމަކީވެސް ދިވެހީން ވަރަށް ގަޔާވެގެން ކޮށްއުޅޭ ކަމެކެވެ. އެހެންނަމަވެސް މިއީ އަހަރުގެ ވަކި ދުވަސްވަރެއްގައި އެކަނި ނޫނީ ކުރުން ހުއްދަ އޮންނަ ކަމެއް ނޫނެވެ.

ރޮސެޓް މި ތާރީޚީ ދަތުރުގައި ދިވެހިރާއްޖޭގެ އިތުރު ރަށަކަށް ދިއުމުގެ ހުއްދަ ނުދެއްވައި ހުންނެވުމަށްފަހު ރަދުން އެކަމުގެ ހުއްދަ ދެއްވީ އޭނާ މާލެ އައި ބޯޓު އޭނާ ބަލައި އަންނަން ކުޑަތަންވެފައި ވަނިކޮށެވެ. އެހެންވީމާ އެ ދަތުރުގައި އޭނާއަށް ދިވެހިރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ދެވޭގޮތް ނުވީއެވެ. އެހެންކަމުން އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ދެވަނަ ދަތުރެއްގައި އެނބުރި އައުމުގެ އުއްމީދުގައެވެ. އެހެންނަމަވެސް ކަން ދިމާކުރި ގޮތުން އެކަން އެގޮތަށް ނުވިއެވެ. ދެވަނަ ދަތުރެއްގައި އޭނާއަށް ރާއްޖެ ނާދެވުނަސް އަދި އެދަތުރުގައި އޭނާއަށް މާލެ ފިޔަވައި އެހެން ރަށަކަށް ދެވިފައި ނުވި ކަމުގައި ވިޔަސް އެ ދަތުރުގައި އޭނާ ނަގާފައިވާ ފޮޓޯތަކަކީ ދިވެހި ތާރީޚަށް ލިބިފައި އޮތް އަގުހުރި ޚަޒާނާއެކެވެ. އެކަމަކަށްޓަކައި އޭނާއަށް ޝުކުރު ހައްގު މަސައްކަތެކެވެ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.