ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 136 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ރޭ ވިދާޅުވެއްޖެއެވެ.
ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ޑިސެމްބަރު މަހުގެ ނިޔަލަށް މިހާތަނަށް 136 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އެމްޑީޕީގެ މެންބަރުންނެވެ.
އެގޮތުން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރި 84 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެއީ އެމްޑީޕީގެ 27 ކެންޑިޑޭޓަކާއި ޕީޕިއެމްގެ 15 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 34 ކެންޑިޑޭޓުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވާދަކުރި 52 ކެނޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެއީ އެމްޑީޕީގެ 32 ކެންޑިޑޭޓަކާއި ޕީޕިއެމްގެ ތިން ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރަ 17 ކެންޑިޑޭޓަކު ކަމަށެވެ.
ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.
ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މި އަހަރަށް ފަސްކުރިއެވެ. އެ ބިލް ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ. އަދި އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ.
އެޗްޕީއޭއިން މިއަދު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް މީގެ ކުރިން ވެސް އީސީން ވަނީ ބުނެފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިހާބުގެ ތައްޔާރީތަކަށް ވެސް ވަގުތު ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
އީސީން ކުރިން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށެވެ. އަދި ހާއްސަ ގާނޫނު ތަސްދީގު ކުރެއްވުމުން އީސީން މަސައްކަތް ކުރަމުން އައީ މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް މިހާރު އެމުއްދަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު