ނިމިގެން ދިޔަ 2020 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލި ފަހުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ވަނީ އެއާ ބަބުލް އެއް ގާއިމްކޮށްފަ އެވެ. އެ އެއާ ބަބުލްގެ ސަބަބުން ރާއްޖެއަށް އެގައުމުގެ ގިނަ އެއާލައިންތަކުގެ ދަތުރުތައް ފެށިގެންދިޔަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު އިންޑިއާ އިން 62,905 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މާކެޓް ޝެއާއަށް ބަލާނަމަ އެއީ 11.3 ޕަސެންޓެވެ.
އޭގެ ކުރީ 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިންނެވެ. އެއީ 166،030 ފަތުރުވެރިންނެވެ. އަދި އެއް އަހަރަށްވުރެ އަނެއް އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން އޭރުވެސް ބުނެފައިވެ އެވެ.
އެ އަހަރު އެއްވަނަ މާކެޓަކީ ޗައިނާ އެވެ. އެގައުމުން 2019 ވަނަ އަހަރު 284،029 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު ކޮވިޑުގެ ގުޅިގެން ޗައިނާ ފަތުރުވެރިން ރާއްޖެ އައުން ވަނީ ހުއްޓާލައިފަ އެވެ. އަދި އަހަރު ނިމިގެން ދިޔައިރު ވެސް އެގައުމުން ފަތުރުވެރިން އަންނަން ފަށާފައެއް ނުވެ އެވެ.
އެހެންކަމުން 2020 ވަނަ އަހަރުގެ ތެރޭގައި ޗައިނާއިން އައިސްފައިވަނީ 34،245 ފަތުރުވެރިންނެވެ. އެއީ ބޯޑަރު ބަންދުކުރުމާ ހަމައަށް އައި ފަތުރުވެރިންގެ އަދަދެވެ. އެ އަދަދާއެކު ވެސް ޗައިނާ ވެފައިވަނީ މިދިޔަ އަހަރު ރާއްޖެއަށް ހަ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަށެވެ.
މިދިޔަ އަހަރު ދެވަނައަށް އެންމެ ބޮޑު މާކެޓަކީ ރަޝިއާ އެވެ. އެގައުމުން 61،388 ފަތުރުވެރިން އައިސްފައިވެ އެވެ. މާކެޓް ޝެއާއަށް ބަލާނަމަ އެއީ 11.1 ޕަސެންޓެވެ. ތިން ވަނަ އަށް އެންމެ ބޮޑު މާކެޓް، އިނގިރޭސިވިލާތުން ރާއްޖެ ޒިޔާރަތްކުރީ 54،716 ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު