މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ޕޮޒިޓިވް ވީ މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ކައިވެނި ކްލަސްޓާއާ ގުޅިގެން އިއްޔެ އިތުރު ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެކްލަސްޓާއިން މިހާތަނަށް ޖުމްލަ 78 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން ހިމެނެއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ހަވީރު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއަކާ ގުޅިގެން އުފެދުނު މި ކްލަސްޓާއިން ފުރަތަމަ މީަކު ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވި އިރު، މިދިޔަ މަހުގެ 26 ގައި 22 މީހުން ޕޮޒިޓިވްވިއެވެ. އަދި 27 ވަނަ ދުވަހު އަށް މީހަކު ޕޮޒިޓިވްވި އިރު، 28 ވަނަ ދުވަހު އިތުރު ތިން މީހަކު ޕޮޒިޓިވް ވިއެވެ. އެ ކްލަސްޓާއާ ގުޅިގެން 13 މީހުން މިދިޔަ އަންގާރަ ދުވަހު ޕޮޒިޓިވްވި އިރު، ބުދަ ދުވަހު ޕޮޒިޓިވްވީ އަށް މީހުންނެވެ. އަދި އިއްޔެ ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.

އެނގިފައިވާ ގޮތުގައި، އެ ކައިވެނި ހަފްލާއަށް ބަލީގެ އަލާމާތްތައް ހުރި ބައެއް މީހުންވެސް ގޮސްފައިވެއެވެ.

އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މިފަދަ ހަފްލާތައް ބާއްވާ އިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތީގެ ހިދުމަތް ދިނުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.