މިއަހަރުގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި މަސްވެރިކަމާއި ދަނޑުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ، ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ، ކުރި ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ހާލަތާ މެދު ވިސްނައި، ގަައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެއް ކަމަށެވެ.

އެގޮތުން ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ގައުމު ފުރަބަންދުކުރަން ޖެހުމުން އެންމެ ބޮޑަށް އިހުސާސް ކުރެވުނީ ރާއްޖޭގެ ނާޒުކު ކަމާއި ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދިޔަ މިންވަރު ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މިފެށުނު 2021 ވަނަ އަހަރާ ކުރިމަތިލަނީ ގައުމު އަލުން އާރާސްކުރުމުގެ ވަރަށް މަތިވެރި އަޒުމަކާއި އިތުރު ހިތްވަރަކާއެކުގައި ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، އަސާސީ ހިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމަކީ އަޒުމެއް ކަމަށް ވިދާޅުވި އެވެ.

"އިގްތިސާދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު މިހާރަށް ވުރެ ފުޅާކޮށް، އިގްތިސާދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒެވެ. ތަރައްގީގެ މަޝްރޫއުތައް ތިމާވެށްޓާ އެއްކީލިކުރުމަކީ ވެސް، މިއަހަރުގެ ތެރޭގައި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމެކެވެ.،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ވެކްސިނާއެކު، މިބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އާވަމުން އަންނައިރު، ގަައުމުގެ އިގްތިސާދު ކުރިއަރުވައި، ގަައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި، މުޅި ގަައުމު އެކުގައި އެއް އަަޒުމެއްގައި ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަށް އެދިވަޑައިގެންނެވި އެވެ.