މުޖުތަމައުގެ އުފާވެރިކަމާއި ހަމަޖެހުން ގާއިމުކުރެވޭނީ ކުޑަކުދިންނާއި އަންހެނުންނަކީ އެންމެންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވީ، މިފެށުނު 2021 ވަނަ އަހަރާ ކުރިމަތިލަނީ ގައުމު އަލުން އާރާސްތުކުރުމުގެ، ވަކިން ހާއްސަކޮށް އަސާސީ ހިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް އެތައް ގުނައެއް ހަލުވިކުރުމުގެ ވަރަށް މަތިވެރި އަޒުމަކާއި އިތުރު ހިތްވަރަކާއެކުގައި ކަމަށެވެ.
އެގޮތުން އިގްތިސޯދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި މިހާރަށް ވުރެ ފުޅާކޮށް، އިގްތިސޯދު ސިންދަފާތު ކުރުމަކީ މި އަހަރުގެ އެންމެ ބޮޑު އަމާޒު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުން ރައްޔިތުންނަށް އުފާވެރިކަން ލިބޭނީ ގައުމުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތައް ވެސް ހައްލު ކޮށްގެން ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކާއި ތަފާތު ގަނާތައް ހުއްޓުވުމަށް، އަަމަލީ ގޮތުން މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ، މިއަހަރުގެ އަޒުމްކަމުގައި ކަނޑައެޅުމަށް އިލްތިމާސް ކުރެއްވި އެވެ.
"މުޖުތަމައުގެ އުފާވެރިކަމާއި ހަމަޖެހުން ގާއިމުކުރެވޭނީ، ކުޑަކުދިންނާއި އަންހެނުންނަކީ އަޅުގަނޑުމެން އެންމެންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެންކަން ޔަގީނެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ވެކްސިނާއެކު އެބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އާވަމުން އަންނައިރު ގައުމުގެ އިގްތިސާދު ކުރިއަރުވައި ގައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި މުޅި ގައުމު އެކުގައި އެއް އަޒުމެއްގައި ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިގްތިސާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަށް އިލްތިމާސް ކުރެއްވި އެވެ.