ޚަބަރު

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއާއެކު "ބޯޑާ މައިލްސް" ފަށައިފި

މި ފެށުނު އާ އަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއާއެކު، ފަތުރުވެރިންނަށް ހާއްސަ އިނާޔަތްތަކެއް ލިބޭ "ބޯޑާ މައިލްސް" ޕްރޮގްރާމު ފަށައިފި އެވެ.

މޯލްޑިވްސް ބޯޑާ މައިލްސްއަކީ މޯލްޑިވްސް އިމިގްރޭޝަނުން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު ތައާރަފު ކުރި ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ދުނިޔޭގައި ވެސް ތައާރަފު ކުރި ފުރަތަމަ ޕްރޮގްރާމެވެ.

އެ ޕްރޮގްރާމްގެ މެންބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ހުޅުވާލާފައިވެ އެވެ. އެ ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. އަދި ހާއްސަ މުނާސަބަތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް ލިބޭނެ އެވެ.

މި ޕްރޮގްރާމުގައި ތިން ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ބްރޯޒް ޕެކޭޖު "އައިދަ"، ސިލްވާ ޕެކޭޖު "އަންތަރަ" އަދި ގޯލްޑް ޕެކޭޖު "އަބާރަނަ" އެވެ.

މި ޕްރޮގްރާމް މިއަދު ފެށުމުގެ ކުރިން މިއަދު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ބޯޑާ މައިލްސް ޕްރޮގްރާމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ، ފަތުރުވެރިކަމުގެ މަންޒިލްތަކުގެ މެދުގައި ވާދަވެރިކަން އިތުރުވަމުން އަންނަ ވަގުތެއްގައި އާ ކަންތައްތައް ތައާރަފުކޮށް ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަކީ އެއް އަމާޒު ކަމަށެވެ. އެގޮތުން ބޯޑާ މައިލްސް ޕްރޮގްރާމް ވެގެންދާނީ އެފަދައިން ތައާރަފު ކުރެވުނު ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ޕްރޮގްރާމް ފެށުމާ ގުޅިގެން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސެއިން ވިދާޅުވީ، އެފަދަ ޕްރޮގްރާމެއް ފެށުމުގެ ވިސްނުން އައީ، ފަތުރުވެރިޔާގެ ދަތުރު ރާއްޖެއިން ފެށެނީ އިމިގްރޭޝަން އޮފިސަރާއި ހަމައިން ކަމުގައިވާތީ ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ސަބަބުން ތަކުރާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.