މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި ކައިވެނި ހަފްލާއާ ގުޅިގެން ޕޮޒިޓިވްވީ މީހުންގެ އަދަދު 68 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކައިވެނި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 68 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 229 އަށް އަރާ ކަމަށެވެ.

"މީގެ ތެރެއިން 68 މީހަކު ބަލީގެ އަލާމާތްތައްވެސް ހުރި. އަދި ހައިރިސްކް 71 ކޮންޓެކްޓުންވެސް ހިމެނޭ. މިހާތަނަށް 262 ސާމްޕަލް މިވަނީ ނެގިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއަކާ ގުޅިގެން އުފެދުނު މި ކްލަސްޓާއިން ފުރަތަމަ މީހެއް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އޭގެ ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވި އިރު، މިމަހުގެ 26 ގައި 22 މީހުން ޕޮޒިޓިވްވިއެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު އަށް މީހަކު ޕޮޒިޓިވްވި އިރު، 28 ވަނަ ދުވަހު ތިން މީހަކު ޕޮޒިޓިވްވިއެވެ. އެ ކްލަސްޓާއާ ގުޅިގެން 13 މީހުން އިއްޔެ ޕޮޒިޓިވްވި އިރު، މިއަދު ޕޮޒިޓިވްވީ އަށް މީހުންނެވެ.

އެނގިފައިވާ ގޮތުގައި، އެ ކައިވެނި ހަފްލާއަށް ބަލީގެ އަލާމާތްތައް ހުރި ބައެއް މީހުންވެސް ގޮސްފައިވެއެވެ.

އެޗްޕީއޭ އިން ވަނީ އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

މިފަދަ ހަފްލާތައް ބާއްވާ އިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިނުގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.