ނިޔާމަ ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ނިޔާމަ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން ހަތް މީހަކު ޕޮޒިޓިވްވުމުން ކަމަށެވެ.

އެ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ލީ މިއަދުއެވެ.

"ނިޔާމަ ރިސޯޓު މޮނީޓަރިންއަށް ލެވިފައި މިވަނީ އެރަށުން މިއަދު ހަތް ކޭސް ފެނުމާ ގުޅިގެން. އޭގެ ތެރޭގައި ދެ ޓޫރިސްޓުންނާއި ފަސް ސްޓާފުން ހިމެނޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭގެ ތެރެއިން ދެ ޓޫރިސްޓުންނާއި ތިން ސްޓާފުންގެ ފަރާތުން އަލާމާތްތައް ފެނިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޕޮޒިޓިވް ކޭސްތަކާ ގުޅިގެން އެރަށުން މިހާތަނަށް ވަނީ 17 ސާމްޕަލް ނަގައިފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ ދ. އަތޮޅު ހޮސްޕިޓަލާއި ނިޔާމަ ރިސޯޓާ ގުޅިގެން މާދަމާ އެ ރިސޯޓުގައި ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.