ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ހަތް ކެޓަގަރީއަކުން ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން މިންގަނޑަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ހިޔާ މަޝްރޫއުގެ ހަތް ކެޓަގަރީއަށް ހުށަހަޅާފައިވާ ފޯމުތައް އެ ކޮމިޓީން ދިރާސާކޮށް، ނެރެފައިވާ ވަގުތީ ލިސްޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެގޮތުން ޝަކުވާއަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ކޮމިޓީއަށް ލިބިފައިވާ ކޮންމެ ޝަކުވާއެއް ވަކިވަކިން ބަލައި، އެ ޝަކުވާއެއްގައިވާ ކަންކަމަށް ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

  • H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީ
  • H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީ
  • H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީ
  • H7 (އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
  • H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީ
  • H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ހާއްސަ) ކެޓަގަރީ
  • H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އާއިލާތަކަށް ހާއްސަ) ކެޓަގަރީ

ކޮމިޓީން ބުނީ ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތަކުގެ "ދިރިއުޅުމުގެ ހާލަތު" ބައި ފިޔަވައި އެހެން ބައިތަކަށް ޕޮއިންޓް ދިނުމުގައި ރިއާޔަތްކޮށްފައިވާނީ ފޯމު ހުށަހެޅި ތާރީހާ ހަމައަށް ފޯމު ހުށަހެޅި ފަރާތުގެ ހާލަތަށާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ކަމަށެވެ.

ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވަނީ، އެ ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް ހިމެނޭ މިންގަނޑެއް އެކުލަވައިލުމަށްފަހު، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކޮށް، ހާލަތު ބެލުމަށްފަހު، ހަމަހަމަ އުސޫލަކުން ކަމަށެވެ. އަދި މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލަނީ ކޮމިޓީގެ ފަރާތުން ހާލަތު ބެއްލުމަށް ދިޔަ ޓީމަށް، ފޯމު ހުށަހެޅި ފަރާތުން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހާލަތު ފޯމުގައި ހުރި ބައިތަކަށް ކަމަށްވެސް ކޮމިޓީން ބުންޏެވެ.

"ދިރިއުޅުމުގެ ހާލަތު ބެލުމަށް ފުރާފައިވާ ފޯމުގެ އިތުރު ބަޔާނުގައި ހިމަނާފައިވާ ބައިތަކަށް ޕޮއިންޓް ދިނުމުގައި ރިއާޔަތް ކުރެވިފައި ވާނެ. ދިރިއުޅުމުގެ ހާލަތު ބަލާ ފޯމުގައި ފޯމު ހުށަހެޅި ފަރާތާއި ކޮމިޓީގެ ފަރާތުން ހާލަތު ބެލުމަށް ދުރުވާ ޓީމުގެ ދެ ބޭފުޅުން ސޮއިކުރައްވާގޮތަށް ކަނޑައަޅާފައިވާނެ. ފޯމު ހުށަހެޅި ފަރާތުން ދިރިއުޅުމުގެ ހާލަތާ ބެހޭ މައުލޫމާތު ދިނުމަށް އުޒުރުވެރިވާ ހާލަތްތަކުގައި އެފަރާތުގެ ބަދަލުގައި މައުލޫމާތު ދޭނެ ފަރާތެއް ހަމަޖައްސައި، އެކަން ލިޔުމުން މި ކޮމިޓީއަށް ހުށަހެޅުމުން، ބަދަލުގައި މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ފަރާތަށް ގުޅައި، މި ކޮމިޓީއިން ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާނެ. މިފަދަ ހާލަތްތަކުގައި ދިރިއުޅުމުގެ ހާލަތާ ބެހޭ ފޯމުގައި ސޮއިކޮށްފައިވާނީ ފޯމު ހުށަހެޅި ފަރާތުގެ ބަދަލުގައި މައުލޫމާތު ދިނުމަށް ހަމަޖެއްސި ފަރާތުން،" ކޮމިޓީން ބުންޏެވެ.

ކޮމިޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ކޮމިޓީން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތު ބައިން ޕޮއިންޓް ދެވިފައިވާ ގޮތުގެ މިންގަނޑު އިއުލާންކޮށްފައިވަނީ، H7 ފިޔަވައި އެހެން ކެޓަގަރީތަކުގެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހުކަމަށް ބަޔާންކޮށް އެކި ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށްވެސް ޝަކުވާ ހުށަހެޅުމަށް ހަމަހަމަ ފުރުސަތު ދިނުމަށާއި އިންސާފުވެރިކަމާއެކު ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަގުތީ ލިސްޓްތަކުގައި "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

"މިއީ މި ކޮމިޓީން ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާއަށް ހުޅުވާލެވޭ ދެވަނަ ފަހަރު ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން މި ކޮމިޓީން، މިފަހަރު ރިއާޔަތް ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނީ "ދިރިއުޅުމުގެ ހާލަތު" ބަޔަށް ޕޮއިންޓް ދެވިފައިވާގޮތާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކަށް އެކަނި ކަމުގައި ދަންނަވަން،" ކޮމިޓީން ބުންޏެވެ.

ވަގުތީ ލިސްޓުތަކާ ގުޅިގެން މި ކޮމިޓީއަށް ލިބިފައިވާ ޝަކުވާތައް ބަލައި، ލިޔުމުން ޖަވާބު ދިނުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާތީ އާއި ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވާގޮތާ ގުޅޭގޮތުން އިތުރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާތީ ކޮމިޓީއިން ދިރާސާކޮށްފައިވާ ކެޓަގަރީތަކުގެ ދާއިމީ ލިސްޓު ނެރޭނީ ހުރިހާ ޝަކުވާއެއް ބަލައި ލިޔުމުން ޖަވާބު ދިނުމަށްފަހު ކަމަށްވެސް ކޮމިޓީން ބުންޏެވެ.

ކޮމިޓީން ހަތް ކެޓަގަރީއަކުން ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދީފައިވާ ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި އިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ އާއި H7 ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިފައިނުވާތީ ހިޔާ ފްލެޓުގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ފްލެޓްތަކުގެ މައްސަލައިގައި އަޑު އުފުލުމަށް އުފެއްދި އެކުވެރި ގުޅުމުގެ ޖަމިއްޔާ އިން ނިންމާފައިވަނިކޮށެވެ.