ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވި މައްސަލައިގައި ޝިޔާމަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން ބުނީ ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭނާ ހުންނެވިއިރު ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އޭނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި މައްސަލައިގައި ކަމަށެވެ.
އެ މައްސަލައިގައި ޝިޔާމްގެ މައްޗަށް އުފުލާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. ޝިޔާމްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ.
ޝިޔާމްގެ ބައްޕަ އިބްރާހިމް ޝާކިރު، ވިލިމާލޭގައި ހުންނަ ސިފައިންގެ ވީއައިޕީ އިމާރާތުގައި ދިރިއުޅުއްވި މައްސަލަ އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ތަަހުގީގުކޮށް، އޭސީސީން ކުރިން ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެގޮތުން ސިފައިންގޭގައި އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ވީއައިޕީ ގޭގައި ޗީފް އޮފް ޑިފެންސް ފޯސް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ކޯސްޓްގާޑްގެ ކޮމާންޑަރު އަންގާ ގޮތެއްގެ މަތިން އެކި މީހުން ހުރުމުގެ ކަންތައް ހަމަޖެހޭނެ ކަމަށް އޭސީސީއަށް އޭރު ލިބިފައިވާ ލިޔެކިޔުންތަކުންނާއި ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އެނގެން އޮންނަ ކަމަށް އޭސީސީން ކުރިން ބުންޏެވެ.
ނަމަވެސް އެ މައްސަލަ އަލުން ތަހުގީގު ކޮށްފައި މިވަނީ، ޕީޖީ އޮފީހުން މައްސަލަ އަލުން ތަހުގީގު ކުރުމަށް އެ ކޮމިޝަނަށް އެންގުމުންނެވެ.
މި މައްސަލަ އަލުން ތަހުގީގުކޮށް ނިންމައި، އޭސީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ގޮތުން މި މައްސަލައިގައި ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.
އޭސީސީން ބުނީ، އެމްއާރުސީސީގެ ވީއައިޕީ ގޭގައި މީހުން ބޭތިއްބުމުގައި އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް ނެތް ނަމަވެސް، އެތަނުގެ އިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން އަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމްއާރުސީސީއަށް ހިނގާ އުސޫލު އެތަނުގެ ވީއައިޕީ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންކަމުން، އެމްއާރުސީސީގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ބުންޏެވެ.
އޭގެ އިތުރުން ސިފައިންގެ ގާނޫނުގައި ބަޔާންކުރާ ސިފައިންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އާންމު ފަރުދުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތެއް ފޯރުކޮށްދިނުން ފިޔަވައި، ސިފައިންގެ ވެރިއެއްގެ އިރުޝާދުގެ ދަށުން އާންމު ފަރާތެއް ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރެއް ހަމަނުޖެއްސޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް، ޝިޔާމްގެ އެންގުމުގެ މަތިން ސިފައިންގެ އޮފިސަރެއް އޭނާގެ ބައްޕަ ބެލެހެއްޓިކަން ތަހުގީގަށް ހޯދާފައިވާ ލިޔުންތަކުންނާއި ލިބިފައިވާ މައުލޫމާތުން އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެގޮތުން އެމްއާރުސީސީގެ ވަސީލަތްތަކާއި ހިދުމަތްތައް ޝިޔާމްގެ ބައްޕައަށް ބޭނުންކުރެވޭ ގޮތަށް އޮތުމުން، އޭނާއަށް ލިބެންނުޖެހޭ މަންފާތަކެއް ލިބިފައިވާކަން އޭސީސީން ފާހަގަކުރެ އެވެ.
އޭސީސީން ބުނީ، އެމްއާރުސީސީގެ ވީއައިޕީ ގޭގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، އަދި ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް ބަހައްޓާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާއި ގަވައިދާ ހިލާފަށް އޭނާގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު