އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ރެކޯޑް އަދަދަކަށް ޖެޓް ޕާކް ކުރަމުން އަންނަ ކަމަށް އެ އެއާޕޯޓުން ބުނެފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ގައިސް ނަސީރު މިއަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރުވެސް 39 ޖެޓް އެ އެއާޕޯޓުގައި ޕާކް ކޮށްފައިވާ ކަމަށެވެ. އަދި މާދަމާ އިތުރު ޖެޓެއް ޕާކް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ގައިސް ވިދާޅުވީ މިއީ މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑުތަނުން އިތުރު އަދަދެއް ކަމަށެވެ. އެގޮތުން މިހާތަނަށް ގަން އިންޓަނޭޝޭނަލް އެއާޕޯޓުގައި އެންމެ ގިނަ ޖެޓް ޕާކް ކޮށްފައި ވަނީ 2016 ވަނަ އަހަރު ކަމަށެވެ. އެ އަހަރު 26 ޖެޓް ޕާކް ކުރި ކަމަށް ވިދާޅުވި އެވެ.
"އަސްލު މިއީ ހަމަ ރެކޯޑު އަދަދެއް. މި އެއާޕޯޓުގަ މިމަހުގެ އެކަނި ޖެޓް މޫވްމެންޓްސްވެސް އުޅޭނެ 100 އިން މަތީގަ. އިތުރު މޫވްމެންޓްސްވެސް އަންނާނެ. މިހާތަނަށް 39 ޖެޓް އެބައޮތް ޕާކް ކޮށްފަ. އަދި މާދަމާވެސް އަންނާނެ އިތުރު ޖެޓެއް ޕާކް ކުރުމަށް. އެންމެ ބާރު ބޮޑުވެފައިވަނީ ފާއިތުވި ދެ ހަފްތާގަ." އޭނާ ވިދާޅުވި އެވެ.
ގައިސް އިތުރަށް ވިދާޅުވީ ދުވާލެއްގެ މައްޗަށް އަށް ޖެޓު އެ އެއާޕޯޓުގައި ޖައްސަމުން އަންނަ ކަމަށެވެ.
ކޮވިޑް-19އިގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ. ދުވާލެއްގެ މައްޗަށް 2000 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ.
ގަން އެއާޕޯޓުގައި ރެކޯޑު އަދަދަކަށް ޖެޓްތައް ޕާކް ކޮށްފައިވާއިރު ނ. އަތޮޅުގައި ހުންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުވެސް އޮތީ ޖެޓުން ފުރާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު