ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާތައް ހޯދައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ލ. އިސްދޫ ގެއަކުން މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ ލ.އިސްދޫ ގެއަކުން 54000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް މި މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ލ.އިސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައި ވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުން އަންނަ ގެ ބަލައިފާސްކުރިއިރު އެގެއިންނެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ.ކަލައިދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.