ފެންލައިޓުން މއ. ޒެނާނާ ގެއަށް ވަދެ އެ ގޭގައި މުދަލާއެކު ހުރި ތިޖޫރީއެއް ވަގަށް ނެގި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހުކުމްކުރީ މއ. ހިންނަވަރު ހުޅަނގުބައި އަނަސް މުހައްމަދުގެ މައްޗަށެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކޮށްފައިވެއެވެ. އެއީ ތިޖޫރި ނެގުމުން ކުރި ވައްކަމުގެ ދައުވާ އާއި ތިޖޫރި ވަގަށް ނަގަން އެގެއަށް ވަނުމަށް ޓަކައި އެގެއަށް ގެއްލުން ދިން މައްސަލައިގައި، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އާއި، ވެރިފަރާތުގެ ހުއްދަނެތި އެގެއަށް ވަގަށް ވަދެފައިވާތީ ކުރި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.

ވައްކަމުގެ ދައުވާ ކޮށްފައި ވަނީ ޒެނާނާގޭގެ ދެވަނަ ފަންގިފިލާގެ ކޮޓަރިއެެއްގައި ބަހައްޓާފައި ހުރި ތިޖޫރީއެއް، އެ ތިޖޫރީގައި ހުރި މުދަލާއެކު ވަގަށް ނަގައިގެންނެވެ.

އެ ތިޖޫރީގައި ހުރި މުދާ:

  • ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދިރުހަމް 2،800
  • އިންޑޮނޭޝިއާ ރުފިޔާ 110،064
  • ސްރީލަންކާ ރުޕީސް 2،910
  • އެކި ވައްތަރުގެ ޖަވާހިރު 8
  • މެލޭޝިޔާ ރިންގިޓް 119
  • އެ އެގޭގެ ރަޖިސްޓްރީ
  • ތައި ބާތު 10،740
  • ރިހި ފައްޓަރުބައެއް
  • ރިހި އަނގޮޓި 3
  • ރަން އަނގޮޓި 8
  • ރިހި މެލަކައިޓް 5
  • ރަން ކެވެލި 23
  • ރިހި ފަށުފޫ 2
  • ރިހި ކެވެލި 2
  • ރަންފަށް 15

އެހެންކަމުން ވައްކަމުގެ ކުށުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

ތިޖޫރި ވަގަށް ނެގުމަށް އެ ގެއަށް ވަން ގޮތް ކިޔައިދެމުން އަނަސް ބުނެފައިވަނީ އެ ގޭގެ ވެރިފަރާތް ކަމަށްވާ ޖައުފަރު، ގޭގައި ނެތްކަން އެނގުމުން، ދަންވަރު ގަޑީގައި އެގޭދޮށަށް ގޮސް ކަށިގަނޑަކުން ފެންލައިޓް ހަލާކުކޮށްލައިގެން އެ ގެއަށް ވަދެ ދެވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓްގެ ދޮރުގެ މަތީގައި ހުރި ފެންލައިޓްވެސް ހަލާކު ކޮށްލައިގެން އެތަނަށް ވަދެ އެ އެޕާޓްމަންޓްގައި ތިޖޫރީ ހުރި ކޮޓަރީގެ ފެންލައިޓްވެސް ހަލާކު ކޮށްލައިގެން ކޮޓަރިއަށް ވަނުމަށްފަހު، ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ތިޖޫރީ ހިފައިގެން ނުކުތީ ކަމަށެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 13 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

އޭގެ އިތުރުން ގޭގެ ވެރިފަރާތުގެ ހުއްދަނެތި އޭނާ އެ ގެއަށް ވަނުމުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ތިން މަހާއި 18 ދުވަަހަށް ޖަލަށް ލުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.