ރަނާއި ގިނަ އަދަދެއްގެ ޑޮލަރާ އެކު ޗައިނާ ބަޔަކު ކޮންގޯގައި ހައްޔަރުކޮށްފިއެވެ.

ކޮންގޯގައި ހައްޔަރުކޮށްފައިވާ ޗައިނާއަށް ނިސްބަތްވާ ތިން މީހެއްގެ އަތުން 12 ރަންގަނޑާއި 800،000 އެމެރިކާ ޑޮލަރު ފެނިފައިވާކަމަށް އޮފިޝަލުންނާ ހަވާލާދާ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮންގޯގެ ދެކުނު ކީވޫ ޕްރޮވިންސުގައި އެމީހުން ދަތުރުކުރި ވެހިކަލްގެ ސީޓު ދަށުގައި ފޮރުވައިގެން ގެންގުޅުނު ރަނާއި ޑޮލަރުތައް އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އޮފިޝަލުން ވަނީ އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން ބަންދުކޮށްފައިވަނީ ސިއްރު ތަނެއްގައި ކަމަށާއި އެއީ އެމީހުންނާ ގުޅުން ހުރި އިތުރު ބަޔަކު އުޅޭނެކަމަށް ބެލެވޭތީ ކަމަށް ބުނެފައެވެ.

ކޮންގޯގެ ސަރުކާރުން ބުނެފައިވާގޮތުގައި، އެ ގައުމުގައި ގާނޫނާ ހިލާފަށް ޗައިނާގެ ބަޔަކާ ގުޅިގެން މައިން ކޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ވެސް ރިޕޯޓުތައް ލިބި ރެއިޑުތައް ހިންގާފައިވެއެވެ.

ކޮންގޯ އަކީ ދުނިޔޭގެ ނިސްބަތުން ގިނަ އަދަދަކަށް ރަނާއި ޑައިމަންޑުގެ އިތުރުން އެހެނިހެން އަގުހުރި މައުދަން މައިންކޮށްގެން، ބިމުއަޑިން ހޯދާ ގައުމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.