ފްރާންސގައި ހުންނަ ލަވްރޭ މިޔުޒިއަމުން ވައްކަން ކުރި މީހުންގެ ތެރެއިން ދެމީހަކު ހައްޔަރު ކޮށްފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ޕެރިހުގެ ޗާލްސް ޑި ގައުލް އެއާޕޯޓަށް ފުރަން ގޮސް ތިއްބައެވެ.

ދުނިޔޭގެ އެންމެ ގިނަ މީހުން ޒިޔާރާތް ކުރާ ޕެރިހުގެ ލަވްރޭ މިޔުޒިއަމަށް މިދިޔަ ހަފުތާގައި ބަޔަކު ވަދެ ވައްކަން ކޮށްފައިވާއިރު އެމީހުން ވަނީ 88 މިލިއަން ޔޫރޯގެ އަގުހުރި ގަހަނާ ވަގަށް ނަގައިފައެވެ.

މިޔުޒިއަމުން ވައްކަން ކުރި މީހުން ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކަށް ހެދިގެން ޓޫލް ބޭނުންކޮށްގެން އެއިމާރާތުގެ ތެރެއަށް ވަދެ އޮޅުވާލައިގެން ވައްކަން ކޮށް އެތަނުން ފިލައިފައެވެ.

ފްރާންސުގެ ޖަސްޓިސްު މިނިސްޓަރު ވިދާޅުވީ ސެކިއުރިޓީ ޕްރޮޓޮކޯލްތައް ފޫއަޅުވާލައި ގައުމުން ފިލޭ ހިސާބަށް ދިއުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

ފްރާންސުގެ ފުލުހުން ވަނީ ވައްކަން ކުރި މީހުން ލިފްޓުހަރުގަނޑެއްގައި އެ އިމާރާތުން ނިކުމެގެން ފިލާތަން ފެންނަ ވީޑިއޯ އާންމުކޮށްފައެވެ.