ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ، ވައްކަމުގެ އަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ މީހާ ހައްޔަރުކުރި ކަމަށެވެ.

އެ ކުންފުނިން ބުނީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެމީހުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ އަމަލުތަކުން ދުރުހެލި ވުމަށާއި އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ އެފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައްވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އެންގުމަށް އެދޭ ކަމަށެވެ.

މިއީ މިމަހު ސްޓެލްކޯ ޓްރާންސްފޯމަރު ތަކުން ވައްކަން ކުރަން އުޅުނު ތިން ވަނަ ފަހަރެވެ.

މިމަހުގެ 11 ވަނަ ދުވަހުވެސް ވަނީ ހުޅުމާލެ ފޭސް 2ގައި ހުންނަ ދެ ޓްރާންސްފޯމަރަށް ގެއްލުންދީފައެވެ. އޭގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލެ ފޭސް 2، ރީތިގަސްމަގު ބްރިޖު ކައިރީގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި އެ މީހުން ފުލުހުންނާ ހަވާލުކުރއިރު އެކަން ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯ މުވައްޒަފަކަށް ވަނީ ރެންޗަކުން ހަމަލާދީ މާރާމާރީވެސް ހިންގާފައެވެ. އެ މައްސަލައިގައި 37 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި އެވެ.

އެފަދަ އަމަލުތައް ހިނގަނީ އެ މަސައްކަތް ރަނގަޅަށް ދަންނަ ބައެއްކަން ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވަނީ ފާހަގަކުރައްވައިފައެވެ.