މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ސިއްހީ ހިދުމަތް ލާމަރުކަޒު ކުރެއްވުމަށް ކަމަށާއި، އެކަމުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުން އަންނަ ދިވެހި ރާއްޖޭގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އަޑުން ފޮނުވި "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި އެހުންތެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރަށްރަށުގެ ތަރައްގީއާބެހޭގޮތުން ދެންނެވި އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުވެސް އަދި އެމަނިކުފާނުގެވެސް އެންމެ މުހިއްމު އެއް ސިޔާސަތަކީ، ލާމަރުކަޒު ކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން، ސިއްހީ ހިދުމަތް ހޯދަން މާލެ އައުން ދަތިވުމުގެ ސަބަބުން އަތޮޅުތަކުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުގެ ބޭނުން ރައްޔިތުން ހިފިތަން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ. އެހެންކަމުން މިހާރު އެންމެ މުހިއްމު ބޭނުމަކަށް ވެފައިވަނީ އެތަންތަން ތަރައްގީކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މާލެއަށް ތޮއްޖެހި މަރުކަޒު ކުރެވިފައިވާ ބާރުތައް ދޫކޮށްލުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން ލާމަރުކަޒީ ގާނޫނުން މިހާރުވެސް އެކަން ކުރެވެމުން އަންނަ ކަމަށެވެ.