ހިޔާ މަޝްރޫއުގެ ދަށުން ސިވިލްސާވިސްގެ ކެޓެގަރީން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް ޕޮއިންޓް ދިން ގޮތް ހާމަކޮށްފި އެވެ.
ސިވިލް ސާވިސްގެ ކެޓެގެރީ އަށް ހާއްސަކޮށްފައިވަނީ 1000 ފްލެޓެވެ.
މިނިސްޓްރީތައް ވަކިވަކިން އެނގޭނެ ގޮތަށް އާންމުކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ މި ކެޓެގަރީ އަށް ޕޮއިންޓް ދިން ގޮތްވެސް އާންމުކޮށްފަ އެވެ. އެގޮތުން ސިވިލް ސާވިސް ކެޓަގަރީއަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ 15 ޖަނަވަރީ 2018 ގެ ނިޔަލަށް ހިދުމަތް ކޮށްފައިވާ މުއްދަތާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށެވެ.
ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ކުރީގެ ސަރުކާރުން އެކި މިނިސްޓްރީތަކަށް އެވޯޑުކުރީ 987 ފްލެޓު ކަމަށާއި މި ސަރުކާރުން ގެނައި ބަދަލަކީ ބާކީވި 13 ފްލެޓުން ހަ ފްލެޓް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ހަމަޖައްސައި ބާކީ ހަތް ފްލެޓް ބަހާލީ ކުރިން އެކި އިދާރާތަކަށް ފްލެޓް ހަމަޖައްސާފައިވާ ނިސްބަތުން ކަމަށެވެ. މާލޭ ސިޓީ ކައުންސިލަށް ހަ ފްލެޓް ހަމަޖެއްސީ، އެ ކައުންސިލްގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ފޯމުތައް ހައުސިން މިނިސްޓްރީއަށް އޭރު ފޮނުވިޔަސް އެ ކައުންސިލަށް އެއްވެސް ފްލެޓެއް އެލޮކޭޓްކޮށްފައި ނުވާތީ ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ފަންނީ މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު: [https://www.gazette.gov.mv/iulaan/download-attachment/28449](https://www.gazette.gov.mv/iulaan/download-attachment/28449)
އިދާރީ މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު: [https://www.gazette.gov.mv/iulaan/download-attachment/28450](https://www.gazette.gov.mv/iulaan/download-attachment/28450)
ސަޕޯޓް މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު: [https://www.gazette.gov.mv/iulaan/download-attachment/28451](https://www.gazette.gov.mv/iulaan/download-attachment/28451)
ހިޔާ މަޝްރޫއުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވަނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ އެ މަސައްކަތާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ.
މި ލިސްޓު އެކުލަވާލައިފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެ ގޮތަށެވެ. މިހާރު އާ މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަވެސް، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުން ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މި ލިސްޓުގައި ބޭނުންކޮށްފައިވާނީވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.
މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާތިލްވާނެ ކަމަށާއި، ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ އެއް ފްލެޓް ކަމުގައި އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މި ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލައިފަ އެވެ.
އިއުލާނުގައިވާ ގޮތުން ހައުސިން މިނިސްޓްރީ އަށް ޖުމްލަ 142 ފްލެޓު އެލޮކޭޓް ކޮށްފައިވާއިރު، ހެލްތު މިނިސްޓްރީ އަށް 201 ފްލެޓު، ހޯމް މިނިސްޓްރީ އަށް 85 ފްލެޓު، އިކޮނޮމިކް މިނިސްޓްރީ އަށް 29 ފްލެޓު،އިސްލާމިކް މިނިސްޓްރީ އަށް 40 ފްލެޓު، އެންވަޔަރަމެންޓް މިނިސްޓްރީ އަށް 42 ފްލެޓު ވަނީ އެލޮކޭޓް ކޮށްފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީ އަށް 169 ފްލެޓު، ފިނޭންސް މިނިސްޓްރީ އަށް 54 ފްލެޓު،ފިޝަރީޒް މިނިސްޓްރީ އަށް 29 ފްލެޓު، ފޮރިން މިނިސްޓްރީ އަށް 24 ފްލެޓު، ޑިފެންސް މިނިސްޓްރީ އަށް 43 ފްލެޓު، ޓޫރިޒަމް މިނިސްޓްރީ އަށް 16 ފްލެޓު، ޔޫތު މިނިސްޓްރީ އަށް 47 ފްލެޓު، ޖެންޑާ މިނިސްޓްރީ އަށް 42 ފްލެޓު އެޓާނީ ޖެނެރަލްގެ އޮފީހަށް 28 ފްލެޓު، މޯލްޑިވްސް މީޑިއާ ކައުންސިލަށް ތިން ފްލެޓު މާލޭ ސިޓީ ކައުންސިލަށް ހަ ފްލެޓު ވަނީ އެލޮކޭޓް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު