އެމެރިކާގެ ކޮންމެ 1000 މީހަކުން އެކަކު ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

އެމެރިކާގެ އާބާދީ 330،750،000 އަށް އަރާފައިވާކަމަށް އެގައުމުގެ ސެންސަސް ބިއުރޯއިން ހާމަކޮށްފައިވާއިރު އެގައުމުން މިހާތަނަށް ކޮވިޑް ޖެހިގެން 331،116 މީހުން މަރުވެފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސީޓީ އިން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކައެވެ.

މުޅި ދުނިޔޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރިފައިވާއިރު ބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނީ އެމެރިކާގައެވެ. މުޅިދުނިޔެއިން މިހާތަނަށް 80.7 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑްތަކުން ދައްކާއިރު އެމެރިކާއިން އެކަނި ވަނީ މިހާތަނަށް 19.1 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް މަރެއް ރިޕޯޓް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުން އޭޕްރިލް މަހުގައި ހެދި އޮޓޯޕްސީ ރިޕޯޓަކުން ވަނީ އެގައުމުން ފެބްރުއަރީ މަހުގެ ކުރީކޮޅު މަރުވެފައިވާ މީހަކަށް ކޮވިޑް ޖެހިފައިވާކަމަށް ރިޕޯޓް ކޮށްފައެވެ.

މާޗް 11ވަނަ ދުވަހު ޑަބްލިއުއެޗްއޯ އިން ކޮވިޑް އަކީ ބޮޑު ބަލިމަޑުކަމެއް ކަމުގައި ކަޑައަޅާފައިވާއިރު މާޗް މަސް ނިމުނު އިރު އެމެރިކާއިން ވަނީ ބަލި ޖެހިގެން 1000 މީހުން މަރުވެފައެވެ.

ކޮވިޑްގެ ހާލަތު އެމެރިކާގައި ގޯސްވެ ކޮންޓްރޯލުން ނައްޓާފައިވާއިރު އެގައުމުން 11 މަސްދުވަސްތެރޭ ކޮވިޑް ޖެހިގެން 300،000 އަށް ވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.