ރިޕޯޓް

ނޮޅިވަރަންފަރު ދޮންފަޅު ރިއްމަހުން ކަޅުވެފައި، ރައްޔިތުން މަސްހިފުމުގެ ފޯރީގައި

3

ތ. ބުރުނީ ފަޅުތެރެޔަށް ރާގޮނޑި ތިލަވާ ވާހަކައަކީ މިއަދު ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. އެއީ ޒަމާނުއްސުރެ އަހަރުގެ ކޮންމެވެސް އެއް ދުވަސްވަރެއްގައި އެރަށުގެ ފަޅުތެރެޔަށް "މުށް" ޖަހައި ނެގޭ ވަރަށް ރާގޮނޑި ތިލަވާތީއެވެ. ބުރުނީ ފަޅަށް ރާގޮނޑި ތިލަވާ ވާހަކަ މަޝްހޫރުވެފައި ވާއިރު، ހދ. ނޮޅިވަރަންފަރުގެ ފަޅުތެރެޔަށް އަހަރުގެ ވަކި ދުވަސްވަރެއްގައި ރިއްމަސް ތިލަވާ ވާހަކައަކީ ގިނަ ބަޔަކަށް ނޭނގޭ، އެހެންނަމަވެސް ހިނގަމުން އަންނަ ކަމެކެވެ. މި ދުވަސްވަރަކީ އެރަށުގެ ފަޅުތެރޭގައި ރިއްމަސް ތިޔާގި ދުވަސް ވަރެކެވެ.

ނޮޅިވަރަންފަރު ފަޅުތެރެޔަށް ރިއްމަސް ތިލަވުމަކީ މީގެ އެތައް އަހަރެއް ކުރިންވެސް އެރަށުގައި ހިނގަމުން އަންނަ ކަމެކެވެ. އަހަރުގެ ވަކި ދުވަސްވަރެއްގައި، އާންމުކޮށް އަހަރުގެ ފަހުކޮޅާއި ކުރީކޮޅުގައި އެރަށު ދޮންފަޅު އޮންނަނީ ރިއްމަހުން ފުރި ބާރުވެފައެވެ. އެރަށުގެ ހަރު މީހުންނާއި ދުވަސްވީ މީހުންގެ ނަޒަރުގައި ރަށު ފަޅުތެރެޔަށް ގިނަ އަދަދަކަށް ރިއްމަސް ވަންނަނީ އަތޮޅުގެ އެހެން ރަށްތަކާއި އަޅައި ބަލާއިރު އެރަށުގެ ފަޅު ބޮޑުވީމައެވެ.

ނޮޅިވަރަންފަރުގެ ދޮންފަޅަށް އާންމު ގޮތެއްގައި ރިއްމަސް ތިލަވަނީ ހެނދުނު 7:00 އާއި 9:00 އާ ދެމެދުއެވެ. އެ ދެތިން ގަޑިއިރަކީ އެރަށުގެ ރައްޔިތުންނަށް "ބިޒީ" ދެތިން ގަޑިއިރެވެ. އެއީ ރަށުގެ ގިނަ ރައްޔިތުން ރިއްމަސް ހިފުމުގެ ފޯރީގައި މަސްއޫލުވެ އުޅޭތީއެވެ. އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ދެޖިންސުގެ ހުރިހާ އުމުރެއްގެ ރައްޔިތުން ރިއްމަސް ހިފުމުގެ ފޯރީގައި ބައިވެރިވެއެވެ. ނޮޅިވަރަންފަރު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި ގޮތުގައި ރިއްމަސް ހިފަން ކޮންމެ ދުވަހަކުވެސް 200 އާއި 300 އާއި ދެމެދުގެ އަދަދަކަށް ރައްޔިތުން ހަރަކާތްތެރިވެއެވެ. އޭނާ ބުނި ގޮތުގައި ރިއްމަސް ހިފުމުގެ ކަންކަން ކުރިއަށްދަނީ އެއްބައިވަންތަކަމާއެކު ނުހަނު ފޯރީގައެވެ.

"ވަރަށްވެސް އެއްބައިވަންތަކަމާއެކު މިކަން ކުރިއަށްދާނީ. ރަށު އޮފީހުން ގޮވާލީމާ ރިއްމަސް ހިފަން ތައްޔާރުވެގެން މީހުން ޖަމާވާނެ. ދެން އެ ދާ މީހުން ކޮށި އަޅައިގެން ރިއްމަސް ހިފުމަށް ފަހު އެންމެންނަށް ހަމަހަމަކޮށް ބައި އަޅާނީ. އެވްރެޖުކޮށް ކޮންމެ ދުވަހަކު 4،000 ވުރެ ގިނަ ރިއްމަސް ހިފާ" ވަހީދު ވިދާޅުވިއެވެ.

އާންމު ގޮތެއްގައި ރިއްމަސް މޫސުމެއްގައި، ނޮޅިވަރަންފަޅު ފަޅުތެޔެއިން ދިހަ ވަރަކަށް ދުވަސް ވަންދެން ރިއްމަސް ހިފައެވެ. އެކި ދުވަސްވަރު ހިފާ މިންވަރު ތަފާތުވެސް މެއެވެ. އެގޮތުން، މި ހަފުތާގައިވެސް ބައެއް ދުވަހު 4،000 މަސް ހިފިއިރު އަނެއްބައި ދުވަސްދުވަހު މި އަދަދު 9،000 އަށް އަރާފައި ވެއެވެ. މީގެ ކުރިން އެއަދަދު މާ އިތުރުކަމަށް ރަށުގެ ދުވަސްވީ މީހުންނާ ހަވާލާދީ ކައުންސިލުން ބުންޏެވެ.

"ކުރީން އަދި މާގިނައިން ހިފާ. އެގޮތުން 12،000 އަދި 19،000 މަސް ވެސް ހިފާފައި އެބަހުރި. ކުރީގައި ދެން ރަށުގެ ކޮންމެ ގޭބިސީއަކަށް ކޮންމެވެސް ވަރަކަށް ރިއްމަސް ބަހާނެ. ނަމަވެސް މިހާރު މި އޮންނަނީ ރިއްމަސް ހިފަންދާ މީހުންގެ މެދުގައި ބަހާ އުސޫލެއް. އެއީ އާބާދީވެސް ބޮޑުވުމާއެކު" ވަހީދު ވިދާޅުވިއެވެ.

އާބާދީގައި 2،000 އެއްހާ މީހުން ދިރިއުޅޭ ނޮޅިވަރަންފަރުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މައިގަނޑުގޮތެއްގައި ކޮށް އުޅޭ މަސައްކަތަކީ ދަނޑުވެރިކަމެވެ. ނަމަވެސް އެރަށަކީ ކޮންމެވެސް ވަރަކަށް ފަރުމަސްވެރިކަން ކުރާ ރަށެއްވެސް މެއެވެ. ނޮޅިވަރަންފަރުގެ ފަޅުތެރެޔަށް މިދުވަސްވަރު ރިއްމަސް ތިލަވެފައިވާއިރު، ރިއްމަސް ހިފުމާއި، ރިއްމަސް ބެހުމުގައި ނޮޅިވަރަންފަރުގެ ރައްޔިތުންގެ ފަރާތުން ފެންނަނީ އާދަޔާ ހިލާފު ޖޯޝަކާއި އެއްބައިވަންތަކަމެކެވެ.