މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކައިވެނި ހަފްލާއަށް ދިޔަ އިތުރު ހަ މީހަކު ޕޮޒިޓިވްވެ، ޖުމުލަ 41 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ބުނީ މިދިޔަ އާދީއްތަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށެވެ. އަދި އެ ހަފްލާގައި ކޮވިޑުގެ އަލާމާތްތައް ހުރި ބަޔަކު ވެސް ބައިވެރިވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކައިވެނި ހަފްލާއާ ގުޅިގެން އެންމެ ފުރަތަމަ މީހެއް ޕޮޒިޓިވްވީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި އޭގެ ފަހުން މިހާތަނަށް 41 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.

"ކައިވެނީގެ ހަފްލާއަކާ ގުޅިފައިވާ މި ކްލަސްޓާގައި މިހާތަނަށް 41 ކޭސް އަޅުގަނޑުމެންނަށް ފެނިފައިވޭ. ފުރަތަމަ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު އެއް ކޭސް ޕޮޒިޓިވްވެފައި މިވަނީ. އަދި 25 ވަނަ ދުވަހު 12 ކޭސް، 26 ވަނަ ދުވަހު 21 އަދި މިއަދު 27 ޑިސެންބަރުގައި މިހާތަނަށް 8 ކޭސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެ ހަފްލާއަށް ހައިރިސްކް މީހުންވެސް ދިޔަ ކަމަށާއި ޕޮޒިޓިވް މީހުންގެ ތެރޭގައިވެސް ހައި ރިސްކް ހަތަރު މީހަކު ހިމެނޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެ އެޖެންސީން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެ ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 116 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ މީހުން މާސްކް އެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިނުގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެދޭ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.