ކޮވިޑް 19 އަށްފަހު އެއް ދުވަހެއްގެ ތެރޭގައި 6،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްގެން، މިދިޔަ 24 ގަޑިއިރު ތެރޭ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 6،170 މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ރާއްޖެ އައި މީހުންގެ ތެރޭގައި 6،000 އަށްވުރެ ގިނަ ފަތުރުވެރިން ހިމެނޭ ކަމަށާއި އެއީ ބޯޑަރު ހުޅުވާލު ފަހުން ރެކޯޑެއް ކަމަށެވެ. މިނިސްޓަރު ވަނީ އެކަމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޝުކުރު އަދާކޮށް، މަރުހަބާ ދަންނަވައިފައެވެ.
ބޯޑަރު ހުޅުވާލި ފަހުން ދެން އެންމެ ގިނަ ފަތުރުވެރިން އައީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ 5،674 ފަތުރުވެރިން ރާއްޖެ އައިސްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު އިއްޔެގެ ނިޔަލަށް މި މަހުގެ ތެރޭގައި 80،000 އަށްވުރެ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ނިޔަލަށް 159،403 ފަތުރުވެރިން އައި އިރު މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 540،000 ވުރެ އިތުރުވެފައެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އަންނަނީ ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް 23 އަށްވުރެ ގިނަ އެއާލައިނުން ރާއްޖެއަށް އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު