ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިހާރު ބޭނުން ކުރަމުން އަންނަ އޭޕްރަން ހަމައެކަނި އިންޓަނޭޝަނަލް ފްލައިޓްތަކަށް ހާއްސަކޮށް، ނޯތް އޭޕްރަން ޑޮމެސްޓިކް ފްލައިޓްތަކަށް ހާއްސަކޮށްފި އެވެ.

ވީއައިއޭ ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިންޓަނޭޝަނަލް ފްލައިޓްތައް އިތުރުވަމުންދާތީ ޑޮމެސްޓިކް އޮޕަރޭޝަންތައް އެއާޕޯޓުގެ ނޯތް އޭޕްރަން އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ނޯތް އޭޕްރަންގައި 25 އެއާކުރާފްޓް އެއްފަހަރާ ޕާކު ކުރެވޭއިރު ހަތަރު ވައިޑު ބޮޑީ އެއާކްރާޓް އެތަނުގައި ޕާކް ކުރެވޭނެ އެވެ. އެ އޭޕްރަން މިހާރު ބޭނުން ކުރަމުންދަނީ ޕްރައިވެޓް ޖެޓްތައް ޕާކު ކުރުމަށެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ޑޮމެސްޓިކް އޮޕަރޭޝަންތައް ނޯތް އޭޕްރަންއަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވަނީ އީސްޓް އޭޕްރަންގެ އެއްބައި މަރާމާތުގެ މަސައްކަތް ކުރަމުންދާތީ ކަމަށެވެ. އަދި ޑޮމެސްޓިކް އޮޕަރޭޝަންތައް ނޯތް އޭޕްރަން އަށް ބަދަލު ކުރުމަށް ނިންމާފައިވާތީ ޖެޓްތައް މިހާރު ޕާކު ކުރާނީ އީސްޓް އޭޕްރަންގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ހާލަތަށްފަހު ބޯޑަރު ހުޅުވުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ރާއްޖެ ޒިޔާރަތް ކުރަމުން އަންނައިރު، ރާއްޖެއަށް މިމަހުގެ ތެރޭގައި ދުވާލަކު އެވްރެޖްކޮށް 2800 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރެ އެވެ. އަދި އިއްޔެ އާއި މިއަދަކީ އެއާޕޯޓަށް އެންމެ ބާރުބޮޑު ދެ ދުވަހަށްވާނެ ކަމަށް އެމްއޭސީއެލުން ބުނެފައިވެ އެވެ.