ޚަބަރު

ހަތަރު މައިންނަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާކުރަން ފޮނުވައިފި

އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާ ކުރުމަށްޓަކައި ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ 39 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 39 އަހަރުގެ މީހާއަކީއަނބިމީހާ އާއި ދޮންދަރިންނަށް އަނިޔާވެރިވުމުގައި ހިތްވަރުދީ ބައިވެރިވި މީހާ އެވެ. މި ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން ޕީޖީ އޮފީހުގައި އިއްޔެ އެދިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައަކީ ރުގްޔާ ކުރުމުގެ ނަމުގައި ފިރިހެނަކު އޭނާގެ އަންހެނުންނާއި ތިން ދަރިން ގޭގައި ރަހީނުކޮށް، ތިން މަސް ދުވަސް ވަންދެން އަނިޔާދިން މައްސަލައެކެވެ. އެގޮތުން އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންނި އަވަލާފައިވާ ކަމަށްބުނެ، އެކި ފަހަރު މަތިން ވަނީ އަނިޔާދީފަ އެވެ. އަދި ހަތް އަހަރުގެ ކުއްޖާއަށް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފަ އެވެ.